މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
12 ނޮވެމްބަރ 2020 04:59
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ބައެއް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަންފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މި އޮޕަރޭޝަންތައް ހިންގާފައިވަނީ ރ. އަނގޮޅިތީމާއި ށ. މިލަންދޫގެ އިތުރުން އައްޑޫ ސިޓީ ހުޅުމީދޫގައިކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އައްޑޫ ސިޓީ ހުޅުމީދޫގައި ހިންގި އޮޕަރޭޝަނަކީ ފޭދޫން ހުޅުމީދޫ ބަނދަރާ ގާތްކުރި ތެޔޮ ބޯޓެއްގައި މަސްތުވާތަކެތި ހުރިކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން  ހިންގި އޮޕަރޭޝަނެއްކަމަށާއި، އިންޓެލިޖެންސާއި ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މިއަދު ހިންގި އެ އޮޕަރޭޝަނުގައި ފުލުހުން އެ ބޯޓަށް އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ރ.އަނގޮޅިތީމުގައި ހިންގި އޮޕަރޭޝަނަކީ އެ އަތޮޅު ރަސްގެތީމުން ބޮއްކުރައެއްގައި އަނގޮޅިތީމަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުހުންގެ އިންޓެލިޖެންސާއި އުނގޫފާރު ގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން އަނގޮޅިތީމުގައި ހިންގި އެ އޮޕަރޭޝަނުގައި 29 އަހަރުގެ ދިވެހި ދެފިރިހެނުން ހައްޔަރުކޮށްފައިވާކަމަށާއި، އެ ދެ މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން މިލަންދުއަށް ދާ ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 23 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުނެފައިވެއެވެ. މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ދޯނިން ބޭލި އެއްޗެއް ހިފައިގެން ދަނިކޮށް އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 34 އަހަރުގެ މީހާއަށް 10 ދުވަސް ދީފައިވާއިރު 23 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.