ހުޅުމާލޭގެ 10 ބިމެއްގައި އެޕާޓްމަންޓު އިމާރާތްތަކެއް އެޅުމަށް ބަޔަކު ހޯދަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިއުލާންކޮށްފިއެވެ.
އެޗްޑީސީން ބުނީލޯކަލް ޑެވެލޮޕާޒް 3 މަޝްރޫއުގެ ދަށުން ހުޅުމާލޭގެ 10 ޕްލޮޓެއްގައި ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމެންޓް ތަރައްގީކޮށް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލަން ނިންމާފައިވާކަމަށެވެ. މި މަޝްރޫޢުއަށް 1،657 އަކަފޫޓާއި 3،411 އަކަފޫޓާ ދެމެދުގެ ބިން ދޫކުރުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.
އެޗްޑީސީން ބުނީ އެ މަޝްރޫޢު ހިންގުމަށް ބިން ދޫކުރުމަށް ނިންމާފައިވަނީ ފޭސް ދެއެއްގެ ވަގުތީ މިސްކިތް ހުންނަ ސަރަހައްދާއި ކައިރިން އަށް ޕްލޮޓާއި ފޭސް އެކެއްގެ ނެއިބާހުޑް ދޭއެއްގެ ނިރޮޅު މަގު 20 ނަމްބަރު ގޯޅީގައި ހުންނަ ޕްލޮޓެއްގެ އިތުރުން ނެއިބާހުޑް އެކެއްގެ ރީތިގަސް މަގާއި ގުލްޗަމްޕާ މަގު ގުޅޭ ކަންމައްޗަށް ހުސްކޮށް އޮތް ޕްލޮޓުންކަމަށެވެ.
އެޗްޑީސީން ބުނީ، މި މަޝްރޫޢު ހިންގުމަށްޓަކައި ޕްރީ ޕްރޮޕޯސަލް ބައްދަލުވުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ 13:00 ގައި ބާއްވަން ނިންމާފައިވާކަމަށެވެ. އަދި މި މަޝްރޫއަށް ޝަޢުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން އޮންނަ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން މަހުގެ 9އެއް ކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ. ޕްރޮޕޯޒަލްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އެއް ބިން ތަރައްގީކުރުމަށް ދޭން އެޗްޑީސީން ވަނީ ނިންމާފައެވެ.
އެޗްޑީސީން ބުނީއެ ބިންތަކުގައި ތަރައްގީކުރާ އެޕާޓްމެންޓްތަކުގެ ތެރެއިން އަގުހިފެހެއްޓިފައިވާ އެޕާޓްމެންޓްތަކެއް ހިމެނޭނެކަމަށެވެ. އެގޮތުން އަގު ހިފެހެއްޓިފައިވާ އެޕާޓްމެންޓުތަކުގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތައް ވިއްކޭނީ 1.5 މިލިއަން ރުފިޔާގެ އަގެއްގައިކަމަށާއި، ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ވިއްކޭނީ 2.5 މިލިއަން ރުފިޔާއަށްކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
އެޗްޑީސީން ބުނީ އެ އެޕާޓްމަންޓްތަކުގެ ފިނިޝިންގެ މަސައްކަތާއި އެނޫންވެސް މަސައްކަތްތައް ކުރަންވާނީ އެކުންފުނިން އެކުލަވާލާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށްކަމަށެވެ. އަދި އެޕާޓްމެންޓްތައް ވިއްކަން ޖެހޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކަމަށް ތައްޔާރުކުރާ ގައިޑްލައިންތަކެއްގެ ދަށުންކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.
އެޗްޑީސީން ވަނީ އެ އެޕާޓްމަންޓްތައް ގަންނަ ފަރާތްތަކަށް، އެ އެޕާޓްމަންޓްތައް ކައިރިން އުޅަނދުތައް ޕާކްކުރެވޭނެ ޕާކިންގ ޖާގަތަކެއްވެސް ތަރައްޤީކުރަން ޖެހޭނެކަމަށް ވިދާޅުވެފައެވެ. ކާރު ޕާކްކުރަން ޖާގަ ވިއްކާނީ ފޫޓަކަށް 1،000 ރުފިޔާގެ ރޭޓުންނެވެ.
މި މަޝްރޫޢުތަކަށް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ އިވެލުއޭޝަންގައި އަގު، ތަޖުރިބާ އަދި ވިޔަފާރި ޕްލޭނަށް ރިއާޔަތްކުރާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އަދި އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދީ އިވެލުއޭޓް ކުރުމުގައި %70 ޚާއްސަކުރަން އެޗްޑީސީން ވަނީ ނިންމާފައެވެ.
One Response
ބިންހަވާލުކުރަނީ އައްމަޓީކަހަލަމީހުންނައްތަ ކޮއްމެވެސްރަނގަޅަށްބަލާފައި ވަގަކަށްނޫނީ ހަވާލުނުކުރާތި