މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެއްޖެ

މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެއްޖެ

Author
މުޙައްމަދު ޝަޒައިމް
29 އޭޕްރިލް 2022 10:57
0

ދުނިޔޭގައި ދިރިއުޅެމުންދާއިރު މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް މިރޭގެ އިޙްޔާ ފޯރަމްގައި ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ބޭއްވި އިޙްޔާ ފޯރަމްތަކުގެ ތެރެއިން އެންމެ ފަހު ފޯރަމްގައި މިރޭ ތަޤްރީރު ކުރައްވާފައިވަނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދި އައްޝައިޚް ފައްޔާޟް ޢަލީ މަނިކެވެ.

"އިންސާނުންގެ ޙާލަތު ކީރިތި ޤުރުއާނުގެ އަލީގައި" މި މައުޟޫޢުއަށް މިރޭގެ ފޯރަމްގައި ތަޤްރީރު ކުރައްވަމުން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދި އައްޝައިޚް ފައްޔާޟް ޢަލީ މަނިކުގެ ވާހަކަފުޅުގައިވެސް ކީރިތި ޤުރުއާނުގެ އަލީގައި އިންސާނުގެ ޙާލަތު އޮޅުންފިލުއްވައިދެއްވިއެވެ.

އެގޮތުން މީސްތަކުން ބެހިފައިވާ ބައިތަކަށް ބައްލަވާލައްވާފައިވެއެވެ. އެއީ ހަތަރު ބަޔަށްކަމަށާއި އެ ހަތަރުބަޔަކީ މުއުމިނުން، ކާފިރުން، މުނާފިޤުން އަދި އަހުލުކިތާބުންކަމަށް ވިދާޅުވެ، މުސްލިމުން ބެހިފައިވާ ބައިތަކަށްވެސް ބައްލަވާލެއްވިއެވެ. މުސްލިމުންގެ ތެރެއިން ހެޔޮކަމުގައި ކުރިއަރައި ދާމީހުންނާއި ހެޔޮކަމުގައި މެދުމިން ޙިޔާރުކުރާ މީހުންނާއި ނަފްސަށް އަނިޔާވެރިވާ މީހުން ހިމެނޭކަމަށް ވިދާޅުވިއެވެ.

އިންސާނާއަށް ދިރިއުޅުމުގައި ދިމާވާ އެކި ކަންތައްތަކުގެ ތެރެއިން މާޔޫސްވާ ޙާލަތްތައް އައުމުން ޢަމަލުކުރަންވީ ގޮތްތަކަށް ބައްލަވާލައްވަމުން، މާޔޫސްވާ ސަބަބުދެނެގަނެ، އެހީތެރިކަން ބޭނުންވެ، ނުވަތަ ފަރުވާއެއް ހޯދަން ޖެހޭ ކަމުގައިވާނަމަ އެގޮތަށް ޢަމަލުކޮށް އިސްލާމްދީނުގައި އަންގަވާފައިވާ ޒިކުރުތަކާއި ދުޢާތައް ކިޔުމާއިއެކު ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

މި ބައިތަކަށް ބައްލަވާލައްވަމުން ގަޟާގަދަރަށް އީމާންވުމުގެ މުހިންމުކަމާއި އިންސާނުންގެ ނިކަމެތިކަމަށް ތަފްސީލީ ގޮތެއްގައި ބައްލަވާލެއްވިއެވެ. އިންސާނުންނަކީ ނިޢުމަތެއް ލިބުމުން ބޮޑާވާ ބައެއްކަމަށާއި ހަވާ ނަފްސަށް ތަބަޢަވެ، ދަހިވެތިވެގެންވާ ބައެއްކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.