އެމްޑީޕީގެ ގަވާއިދު މިހާރު ބުނާގޮތުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާއި ނުލައި މިހާރު ވެރިކަމުގައި ހުންނެވި އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސް ޞާލިހަށް ލިބޭނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ރައީސް ނަޝީދު ނިކުންނަވާނެކަން އެމަނިކުފާނުގެ ފަރާތްޕުޅުން އިއުލާންކޮށްފައި ވަނިކޮށެެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން މިކަން ހާމަކުރައްވައި އީވާ ވިދާޅުވެފައިވަނީ ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެ، ކުރިއަށް 2023ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ކާމިޔާބުކޮށް އިންތިޚާބުގައި ވާދަ ކުރާނެކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަވެރިކަން ބޮޑުވެފައިވަނީވެސް ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މޫސަ ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީޕީ ޤައުމީ މަޖިލީހުގެ އިއްތިފާޤުން ނިންމާފައިވާ ނިންމުމުގައި ޕާޓީގެ ރައީސަކު ވެރިކަމުގާ ހުރިނަމަ އަދި އޭނާ ކުރިމަތިލާނަމަ ޕްރައިމަރީއާނުލާ ޓިކެޓްދޭންޖެހެއެވެ. މިނިންމުން އަދިވެސް އޮތީ އޮތް ގޮތަށް ކަމަށާއި، އެހެންކަމުން ޕްރައިަރީއެއް ބާއްވަންޖެހޭ ހާލަތެއް މިހާރަކު ނެތްކަމަށެވެ.
2023 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީ ކެންޑިޑޭޓަކު ނެރުމަށް ޕްރައިމަރީއެއް ބޭއްވޭނީ 2012ގައި އެމްޑީޕީ ޤައުމީ މަޖްލީހުގެ އިއްތިފާޤުން ނިންމާފައިވާ ނިންމުން (ޕާޓީގެ ރައީސަކު ވެރިކަމުގާ ހުރިނަމަ އަދި އޭނާ ކުރިމަތިލާނަމަ ޕްރައިމަރީއާނުލާ ޓިކެޓްދޭންޖެހޭ) ޤަރާރު ބާތިލް ކޮށްގެން.
– މޫސަ ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިހަށް ލިބިވަޑައިގެންފައިވަނީ އއ. އުކުޅަހުގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައެވެ. އިބޫއަށް ޓިކެޓްދޭން ހުށެހެޅި ހުށެހެޅުންފާސްވީ ކޮންގްރެސްގައި ބައިވެރިވި 791 މެންބަރުންގެ އިއްތިފާޤުންނެވެ. ރިޔާސީ ޓިކެޓް އިބޫއަށްދޭން ހުށެހެޅީ، ޕްރައިމަރީން ޓިކެޓް ކާމިޔާބުކުރާ ފަރާތަށް އިންތިޚާބުގައި ވަދަނުކުރެވޭނެ ޙާލަތެއްގައި ޓިކެޓްދޭނެ ފަރާތެއް ކަނޑައެޅުމުގެ ބާރު ކޮންގްރެސްއަށް ދިނުމަށްފަހުއެވެ.
ރިޔާސީ ޓިކެޓް ރައީސް ޞާލިހަށް ދިން ގޮތާއިމެދުވެސް ރައީސް ނަޝީދަށް ތާއީދު ކުރާ ބޭފުޅުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. ރައީސް ޞާލިހަށް ޓިކެޓްދިން އެމްޑީޕީ އުކުޅަކު ގައުމީ މަޖިލިސް ނަޝީދަށް ތާއީދު ކުރާ ބައެއް ބޭފުޅުން ސިފަ ކުރަނީ އެއީ އުކުޅަހު ބަޢާވާތުގެ ގޮތުގައެވެ.