ކުރިއަށް އޮތް 2023 ގެ ރިޔާއީ އިންތިޚާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތި ލައްވާނެކަމަށް، މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.
އީވާ މިކަން އިއުލާން ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި، މިރޭ ކުޅުދުއްފުށީގައި ބޭއްވި މާހެމެއްގައި ބައިވެރިވި މީހުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ. އީވާ ވިދާޅުވީ 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަ ކުރައްވާނެކަމަށެވެ. އެމަނިކުފާނު ވާދަ ކުރައްވާނީ އެމްޑީޕީގެ ތެރޭގައި އޮންނަ ޕްރައިމަރީގައި ވާދަކޮށް، އެޕްރައިމަރީ ކާމިޔާބު ކޮށްގެންކަމަށް އީވާ ވިދާޅުވިއެވެ.
2023 ގައި އަޅުގަނޑުމެން ބޭނުމީ އެމްޑީޕީގެ ވެރިކަމެއް. 2023 އަށް އަޅުގަނޑުމެން އެންމެންވެސް ހަމަ ބޭނުމީ އެމްޑީޕީގެ ވެރިކަމެއް. 2023 ގެ އިންތިޚާބަށް އިރާދަ ކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތި ލައްވާނެ. 2023 ގެ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތި ލައްވާނެ.
– އީވާ ވިދާޅުިވިއެވެ.
“2023 އަޅުގަނޑުމެން ބޭނުން، އަަޅުގަނޑުމެން ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް، 2023 އިންތިހާބަށް އެމްޑީޕީގެ ޕްރައިމެރީ އަށް އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތި ލައްވަވާނެ” @evattey
ތިލަފަތުގެ ރަމްޒު -ކުޅުދުއްފުށީ ސިޓީ ތަރާވިސް@Imthiyazfahmy #InthiAaEku pic.twitter.com/umSZi65XCu
— Sim (@Simwarr) April 26, 2022
މިއީ ރައީސް ނަޝީދު 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށް ހާމަކުރި ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދު މީގެ ކުރިން ބުނަމުންދިޔައީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައިވެސް އަދި ރާއްޖޭގެ ވެރިކަމުގެ އިންތިޚާބުގައިވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ވާދަކުރައްވާނަމަ ވާދަ ނުކުރައްވާނެކަމަށެވެ.
2019 ވަނަ އަހަރު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަރވިއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނު އަބަދުވެސް ވިސްނުންފުޅު ގެންގުޅުއްވާކަމަށެވެ. އެވިސްނުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނީ ކޮން ކެނޑިޑޭޓެއްތޯ އަދި ނިންމާފައި ނުވާކަމަށެވެ. ނަމަވެސް އިންތިޚާބުގައި ރައީސް ޞާލިހާއި ވާދަކުރެއްވާ ހިސާބަށް ކަންކަން ނުދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެދެބޭފުޅުންނަަކީ އެއަށްވުރެ މާގާތް އެކުވެރި ދެބޭފުޅުންކަމަށްވާއިރު، އޭގެ ކުރިން ކަންކަން ނިމި ސާފުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުވަނީ މިއިންޓަރވިއުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަރަށް ބޮޑަށް ތައުރީފްވެސް ކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ހުރި މައްސަލަތައް ހައްލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންދާ މަސައްކަތްޕުޅަކީ ތައުރީފް ހައްގު މަސައްކަތްތަކެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއިމެދު ރައީސް ނަޝީދުވެސް އަދި ރައީސް ޞާލިހުވެސް ސީދާ ވަކި ގޮތެއް އަދި ނިންމަވާފައި ނުވެއެވެ. އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅިގެންދާނީ އެމްޑީޕީގެ ތެރޭގައި ބާއްވާ ޕްރައިމަރީ އަކުންނެވެ. ނަމަވެސް ޕްރައިމަރީއަކާއި ނުލައި ރައީސް ޞާލިހަށް އިތުރު ދައުރަކަށް ޓިކެޓް ދޭންޖެހޭކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ގެންދަނީ ވިދާޅުވަމުންނެވެ.
ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ވާދަވެރިކަން ބޮޑުވެފައިވަނީ އަންނަ މަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ހަމައިންނެވެ. މިއިންތިޚާބުގައި ފައްޔާޟާއި، އިންތި ވާދަ ކުރި ނަމަވެސް މިއީ ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ މެދުގައި އޮތް ރިޔާސީ ވާދަވެރިކަމުގެ އިންތިޚާބު ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި މިއިންތިޚާބު ކާމިޔާބު ކުރާ ބޭފުޅެއްގެ ފަހަތުގައި ހުރި ލީޑަރަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބޭނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.