އިޓާލިއަން ސެރީ އޭގައި ޔުވެންޓަސް އިން ރަށުން ބޭރުގައި ފަހަތުން އަރައި 2-1 އިން ސަސުއޮލޯ ބަލިކޮށް ލީގުގެ ތިންވަނައިގައި އޮތް ނަޕޯލީއާ ޕޮއިންޓަކާ ކައިރިކޮށްފިއެވެ.
ސަސުއޯލޯ އިން ލީޑުނެގީ މެޗުގެ 38 ވަަނަ މިނިޓްގައެވެ. އޭރިއާތެރެއިން ބެރާޑީ ހުސްކޮށްލާފައި ރަސްޕަޑޯރީ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ކައިރީ ކަަނަށް އަމާޒުކޮށްލައިފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ ކެޕްޓަން ޕައޮލޯ ޑިބާލާއެވެ. މިއީ އޭރިއާތެރެއިން ޑެނިސް ޒަކަރިއާ ދިން ބޯޅައަކުން ޑިބާލާ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.
ފަހު ހާފުގައި ގެނައި ބަދަލުތަކާ އެކު ޔުވެންޓަސް އިން ތިން ޕޮއިންޓް ކަށަވަރު ކުރީ މެޗުގެ 88 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިޔާ މޮއިސް ކީން ޖެހި ލަނޑުންނެވެ. މިއާ އެކު ޔުވެންޓަސް ހަތަރު ވަނައިގައި އޮތީ ކުޅުނު 34 މެޗުން 66 ޕޮއިންޓް ހޯދައިފައެވެ.
ތިންވަނައިގައި އޮތް ނަޕޯލީ ވަނީ މި ހަފްތާގައި އެމްޕޯލީ އަތުން ބަލިވެފަ އެވެ. އެޓީމު ތިން ވަނައިގައި އޮތީ 34 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ.