އިސްރާއީލުގެ އުދުވާނީ ބާރުތަކުން މަސްޖިދުލް އަޤްޞާއަށާއި، ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ރައްޔިތުންގެ މަޖިލީހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިރޯދަމަހު އަލް-އަޤްޞާ މިސްކިތަށް އިސްރާއީލު ސިފައިން ހަމަލާދީ ފަލަސްތީނުގެ އެތައް މުސްލިމު ރައްޔިތަކު ވަނީ ޒަޚަމްކޮށްލާފައެވެ. އަދި ތަކުރާރުކޮށް މިހަމަލާތައް ދަނީ ފަލަސްތީނުގެ މުއްލިމު ރައްޔިތުންނަސް ދެމުންނެވެ. މި ޙަމަލާއާއި ގުޅިގެން ދިވެހި ސަރުކާރުގެ ވެސް ވަނީ އަލް-އަޤްޞާ މިސްކިތަކަށް ދިން ޙަމަލާ ކުށްވެރިކޮށް، މި ބަރަކާތްތެރި ރަމަޟާންމަހު ފަލަސްޠީނުގެ އެއްވެސް ހަތިޔާރެއްނެތި އަޅުކަންކުރާ މީހުންނަށް ހަމަލާދީ ހައްޔަރުކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދެއްކެވި މެމްބަރުންވެސް ވަނީ އިސްރާއިލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އަލް މަސްޖިދުލް އަޤުޞާއަށް ދެމުންދާ ހަމަލާތަކަކީ މުސްލިމު ރައްޔިތުންނަށް ދޭ ހަމަލާއެއްކަމަށް ސިފަކޮށްފައެވެ. ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ކޮންމެ އަހަރެއްގެވެސް ރޯދަމަހު ހަމަލާތައް ތަކުރާރުވާކަމީ އަބަދުވެސް އިސްރާއިލްގެ ކިބައިގެ ފެންނަ ވަރަށް ޔަހޫދީ ސިފައެއްކަމަށެވެ.
މިބަރަކާތްތެރި ރަމަޟާން މަހު، ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އަލް ޤުދުސްގައި އިސްރައިލްގެ ސިފައިން އެދެމުންދާ އަނިޔާވެރި ހަމަލާ އަކީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއްނޫން. ބަރަކާތްތެރި ރަމަޟާން މަހު މިކަން ތަކުރާރު ވެގެންދާކަން ވަކިން ބޮޑަށް ފާހަގަކުރެވޭ. އެއަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން.
– ސަލީމް ވިދާޅުވިއެވެ.
ސަލީމްގެ ވާހަތަކާއި ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަސް އިސްރާއިލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ. މަޖިލިސް ރައީސް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަގުވަޒަން ނުކުރެވޭފަދަ ހަމަލާތައް މަޖިލީހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާއި، އަދި އަގުވަޒަން ނުކުރެވޭ ގެއްލުމީ މިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އިންތިހާއަށް ކަންބޮޑުވާ ކަމެއް. އެއީޝައްކެއް ނޫން. އަޅުގަނޑުގެ އަމިއްލަ ނަމުގައާއި މިމަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި މިކަންބޮޑުވުން އަޅުގަނޑުމެން ހިއްސާ ކުރާ ކަން ފާހަގަކުރަން.
– މަޖިލިސް ރައީސް ވިދާޅުވިއެވެ.
ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަލް-އަޤްޞާ މިސްކިތާއި ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، އދ.ގެ ސަލާމަތީ މަޖިލީހާއި، ޖެނެރަލް އެސެމްބްލީގެ ކަމާބެހޭ ޤަރާރުތަކާ ކަނޑައެޅިގެން ޚިލާފް ޢަމަލުތަކެއްކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ޤާއިމްކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށްވެސް ހީނަރުކަން އަންނަކަން ފާހަގަކޮށްފައިވެއެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަން އަދި މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމަށާއި، އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާޢީދުކޮށް، އެއްބާރުލުންދޭނެކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި މި މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ "ޓޫ ސްޓޭޓް ސޮލިއުޝަން" ނުވަތަ ފަލަސްޠީނާއި އިސްރާއީލަކީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ޤާއިމުކުރެވިގެންކަން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ