ހަސަން ނަޒީމް ގާސިމް (ޗޯޓު)ގެ ހެޓްރިކާ އެކު، އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 4-0 އިން ބަލިކޮށް ކްލަބް ގްރީން ސްޓްރީޓްސް އިން މި ފަހަރުގެ ލީގުގެ ދެ ވަނަ މޮޅު ހޯދައިފިއެވެ.
ލީގު ތާވަލްގެ ފުލުގައި އޮތް ދަ ގްރާންޑޭ ބަލިކުރަން އެންމެ މުހިއްމު ދައުރެއް އަދާކުރި ހަސަން ނަޒީމް (ޗޯޓް) އެވެ. އޭނާ ވަނީ މެޗުގައި ހެޓްރިކެއް ހަދާފައެވެ. ޗޯޓް ތިން ލަނދު ޖެހީ 23 ވަނަ މިނިޓާއި, 80 ވަނަ މިނިޓާއި, 90 ވަނަ މިނިޓްގައެވެ. ނަޒީމް މެޗުގައި އޭނާގެ ފުރަތަމަ ލަނޑު ޖެހުމުގެ ކުރިން ގްރީންއަށް ފުރަތަމަ ލަނޑުޖަހާ ކުރި ހޯދައިދިނީ ހޯސޭ އަވީލާއެވެ. މިދެޓީމް ފުރަތަމަ ބުރުގައި ވާދަކުރި މެޗު ވީ އެއްވަރެވެ. އެއީ ފުރަތަމަ ބުރުގައި ދަ ގްރާންޑޭއަށް ޕޮއިންޓް ލިބުނު ހަމައެކަނި މެޗެވެ.
ރޭގެ މެޗާ އެކު ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ހަފްތާގެ ކުޅުން ނިމުނުއިރު ކޮންމެ ޓީމެއް މި ވަނީ އަށް މެޗު ކުޅެފައެވެ. އެއް ވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ 21 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވަނީ 19 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ 13 ޕޮއިންޓް ލިބިފައެވެ.
ކޮމެންޓު ފޮނުވާ