ސަސް އާއި ޔޫވީގެ ކުރިމަތިލުން އެއްވަރު

ސަސް އާއި ޔޫވީގެ ކުރިމަތިލުން އެއްވަރު

Author
މުޙައްމަދު ޝަޒައިމް
10 އޭޕްރިލް 2022 11:51
0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލީ ޔުވީންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) އޭރިއާ ބޭރުން ޖެހި ބޯޅަ ސަސްގެ ކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ސަސްއަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އެޓީމުގެ އަލީ ނަސޫހު (ޕިލާ) އޭރިއާ ތެރެއިން ހުސްކޮށްހުރެ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި ޔޫވީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޕިލާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޔޫވީގެ ކީޕަރު އަޙްމަދު އަނަފްއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ހަމަހަަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 57 ވަނަ މިނެޓުގައި ޔޫވީގެ ބެލަރޫސް ފޯވާޑް، އިވާން ވެރާސްއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއްލިބި ބޭކާރުވެފައެވެ. އެކަމަކު އިވާން ފޮނުވާލި ހަމަލާ ސަސްގެ ކީޕަރު ޗެކު ވަނީ މަތަކޮށްފައެވެ.

މެޗުގެ ފަހުކޮޅު ދެޓީމުން ވެސް ވަނީ މެޗުގެ ރެފްރީ ރައޫފް ރައީފްގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އިތުރު ވަގުތު ތިން މިނެޓު ނުވަނީސް މެޗު ނިންމާލުމުން ދެ ޓީމުންވެސް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މިނަތީޖާތަކާއެކު ލީގު ތާވަލުގެ ފަސްވަނައިގައި ޔޫވީ އޮތީ އަށް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. އަދި ސަސް އޮތީ ހަވަނައިގައި އަށް މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.