ސަރުކާރަށް ދެ އަހަރު ވެގެންދާއިރު، އެމްޑީޕީގެ މެމްބަރުންގެވެސް އެންމެބޮޑު ސުވާލަކީ އަދި ޝަކުވާއަކީ މިސަރުކާރުން ކޮށްދިނީ ކޮންކަމެއްތޯ ކަމުގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ ފެނިގެންދަނީ މިސަރުކާރުގެ އަނިޔާވެރިކަމާއި، ދީނާއި ޚިލާފް ކަންކަމަށް ހިތްވަރު ދިނުން އިންތިހާއަށްގޮސް މިނިވަންކަން ގެއްލޭ ހިސާބަށް ގޮސްފައިވަތަން ކަމަށެވެ. ރައްޔިތުންނަށް ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުންނަށް ކުލަ ހުވަފެން ދައްކައި ވީއެއްވެސް ވައުދެއް ނުފުއްދުމުގެ ސަބަބުން މިއަދު އެމްޑީޕީ މެމްބަރުންވެސް ކުރަމުންދާ ސުވާލަކީ މިސަރުކާރުކާރަށްވީ ކޮންކަމެއްތޯ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.
މިއަދު އެމްޑީޕީގެ މެމްބަރުންވެސް ކުރާ ސުވާލަކީ ވީ ކޮންކަމެއްތޯ؟ ދެ އަހަރު ވެގެންދާއިރު، ވީކަމެއް ފެންނާކަށްނެތް. އެމްޑީޕީ މެމްބަރުންވެސް މިއަދު ބުނަމުންދަނީ ރައީސް ޔާމީން މިޤައުމު ތަރައްޤީ ކޮށްދީފިކަމަށް. މިއަދު އެތަރައްޤީ ނުފެންނަކަމަށް. މިސަރުކާރަށް މިއިންކަމެއް ކޮށްދޭތަނެއް ނުފެންކަމަށް. މިސަރުކާރުން ކުރާ ކަމަކީ ދީނާ މިނިވަންކަމާއި ޚިލާފް ކަންކަން ކުރުން.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިސަރުކާރުން ފެނިގެންދަނީ އިސްލާމްދީނާއި ޚިލާފް ރިޕޯޓްތައް ނެރެ އާންމުކުރާ މީހުންނަށް އަދިވެސް ފުރުސަތުދީ، ހިއްވަރުދޭތަން ކަމަށެވެ. އެމްޑީއެންއާއި، އުތެމަ ފަދަ ޖަމްއިއްޔާތަކުން ނެރުނު ރިޕޯޓުތަކާއިމެދު ފިޔަވަޅެއް ނޭޅުނު ތަނުގައި ފެނިގެން ގޮސްފައިވަނީ އެމީހުންނަށް ހިމާޔަތްދީ އިތުރު ރިޕޯޓްތައް ނެރުމަށް ފުރުސަތު ދީފައިވާ މަންޒަރުކަމަށެވެ.
މުއިއްޒު ވިދާޅުވީ ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް އައި ސަރުކާރުން އިންތިހާއަށް ވައްކަންކޮށް، ރައްޔިތުންގެ ޚަޒާނާ ފޭރިގަނެފައިވާކަމަށެވެ. ތަަރައްޤީގެ ނަމުގައި ކުރާ ކޮންމެ ކަމަކުން ބޮޑެތި ވައްކަން ކޮށްފައިވާކަން މިސަރުކާރުގެ ބުޒާރާތަކުން ހާމަކުރަމުންދާއިރު މިއިން މައްސަލައެއް ބެލޭ ތަނެއްވެސް ނުފެންނަކަމަށެވެ. މިސަރުކާރަށް ހަމައެކަނި އަދަބުދޭން އެގުނީ ރައީސް ޔާމީނަށް ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީން ޖަލުގައި ނުހައްގުން ބާއްވާފައިވާތާ މިމަހުގެ 28 ވަނަ ދުވަހަށް ދެ އަހަރު ވެގެންދާއިރު އިސްތިއުނާފުގެ ހުކުމާއި ހަމައިން މިސަރުކާރުގެ ނުފޫޒު ކޯޓުތަކަށް ފޯރުވައި، ހުކުމްވެސް ހުއްޓުވާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިކަންކަމާއި ދިވެހި ރައްޔިތުން ވިސްނައި ކުރިމަތިލާންޖެހޭކަމަށެވެ. މިއަދު ތަަރައްޤީގެ އެއްވެސް މަަަސައްކަތްކަތެއް ނުކުރެވޭއިރު، މިސަރުކާރުން ކުރާ މަަސައްކަތްތައްކަމުގައި ދައްކާ ގިނަ މަަސއްކަތްތަކީވެސް ކުރީ ސަރުކާރުން ފައްޓާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކަމުގައި މުއިއްޒު ވިދާޅުވިއެވެ. ކޮންމެ ދާއިރާއަކަށް ބެލިކަމުގައި ވީނަމަވެސް ރައީސް ޔާމީންގެ ތަރައްޤީ ނޫން ތަރައްޤީއެއް ފެންނަން ނެތަކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ