ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން ނޯތް މެސެޑޯނިއާ ބަލިކޮށް ޕޯޗުގަލް ވަރލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ.
ވަރލްޑް ކަޕް ކޮލިފައިން ޕްލޭ-އޮފްގައި ރޭ ނޯތް މެސެޑޯނިއާގެ މައްޗަށް ޕޯޗުގަލް އިން ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ކުރިން ޕްލޭ-އޮފް ބުރުގެ ސެމީ ފައިނަލުގައި ޕޯޗުގަލް އިން ވަނީ ތުރުކީ 0-3 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި ނޯތް މެސެޑޯނިއާ މި މެޗަށް ނުކުތީ ޕްލޭ-އޮފް ބުރުގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަން އިޓަލީ ކަޓުވާލުމަށްފަހުއެވެ.
ޕޯޗުގަލް އާއި ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗުގައި ޕޯޗުގަލްގެ ގޯލާއި އަމާޒުކޮށް ނޯތު މެސެޑޯނިއާ އަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު، މުޅި މެޗު ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށްގެން ކުޅުނީ ޕޯޗުގަލް ޓީމުންނެވެ. އެގޮތުން ލަނޑެއް ޖެހުމަށް ޕޯޗުގަލް އިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 32 ވަނަ މިނެޓުގައެވެ. އެގޮތުން ބްރޫނޯ ފެނާންޑޭޒް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ގުޅިގެން އުފެއްދި ހަމަލާއެއްގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ، ބްރޫނޯ ފެނާންޑޭޒްއެވެ. މި މެޗުގައި ޕޯޗުގަލް އިން ލީޑު ފުޅާކުރީ ދެވަނަ ހާފް ފަށައިގެން 65 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ޖޮޓާގެ އެހީތެރިކަމާއެކު ބްރޫނޯ ފެނާންޑޭޒްއެވެ.
މި މެޗުގެ އިތުރުން ވަރލްޑް ކޮލިފައިންގައި ރޭ ޕޮލެންޑުން ވަނީ ސްވިޑެން 0-2 ގެ ނަތީޖާއަކުން ބަލިކޮށް ވަރލްޑް ކަޕަށް ކޮލިފައިވެފައެވެ. އަދި މީގެ އިތުރުން، ނައިޖީރިއާ ކަޓުވާލުމަށްފަހު ގާނާ ވެސް ވަނީ މި އަހަރު ގަތަރުގައި އޮންނަ ވަރލްޑް ކަޕުން ޖާގަ ހޯދާފައެވެ. މީގެ އިތުރުން ރޭ މިސްރާއި ސެނެގާލް ބައްދަލުކުރި މެޗުގައި ޕެނަލްޓީ ޖަހައިގެން 1-3 ގެ ނަތިޖާއަކުން މިސްރު ބަލިކޮށް ސެނެގާލްވެސް ވަނީ ވަރލްޑް ކަޕުން ޖާގައެއް ޔަގީން ކޮށްފައެވެ.
ކޮމެންޓު ފޮނުވާ