އިންޑިއާއިން އެހީވަނީ ވަކި ޕާޓީއަކަށް، ވަކި ސަރުކާރަކަށް ބެލުމެއްނެތި، ރައްޔިތުންނަށް: ރައީސް

އިންޑިއާއިން އެހީވަނީ ވަކި ޕާޓީއަކަށް، ވަކި ސަރުކާރަކަށް ބެލުމެއްނެތި، ރައްޔިތުންނަށް: ރައީސް

Author
މުޙައްމަދު ޝަޒައިމް
27 މާރޗް 2022 11:48
0

އިންޑިއާއިން ދިވެހިންނަށް ވަމުންދާ އެހީތަކަކީ އޭރަކު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނޫނީ ކޮން ޕާޓީއެއްތޯ ބެލުމެއް ނެތި ޤައުމުގެ ތަރައްޤީއަށް ވަމުންދާ އެހީތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއިން ރާއްޖޭގެ ތަރައްޤީއަށް ވަމުންދާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ. އަދި ރާއްޖޭގެ ދިގު ތާރީހުގައި އިންޑިއާއިން ދިވެހި ރާއްޖެއަށް ވެދީފައިވަ އެހީތަކާއި މިހާރު ވަމުންދާ އެހީތަކަށްވެސް ބައްލަވާ ލައްވާފައެވެ.

ރައީސް ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ވެދެމުންގެންދާ އެހީތަކަކީ ސީދާ ދިވެހި ރައްޔިތުންގެ ކުރިއެރުމާ ތަރައްޤީއަށް އަބަދުވެސް ވެދެމުން ގެންދާ އެހީތަކެއްކަމަށެވެ. މިކަމުގެ ސާފުހެކިތައް މިއަދުވެސް އެހުރީ ފެންނަން ކަމަށާއި، އެގޮތުން ބަލާއިރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްކަމަށް ވިއަސް، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްކަމަށް ވިއަސް، އަދި 34 ރަށުގެ ފެނާއި ނަރުދަމާއާ، ތިލަމާލެ ބުރިޖްއާ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާ، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓާ، އައްޑޫ މަގުތައްހެދުމާ ބިން ހިއްކުމާ، ކޯސްޓް ގާޑު ބިލްޑިންގ ފަދަ ޕްރޮޖެކްޓުތަކަކީ އިންޑިއާގެ ހިލޭ އެހީއާ ލޯން އެހީގެ ދަށުން ހިންގާ ތަރައްޤީގެ ޕްރޮޖެކްޓުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

އިންޑިއާއިން ދިވެހިންނަށް ވަމުންދާ އެހީތަކަކީ އޭރަކު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނޫނީ ކޮން ޕާޓީއެއްތޯ ބެލުމެއް ނެތި ޤައުމުގެ ތަރައްޤީއާ، ދިވެހިންގެ ކުރިއެރުމަށްޓަކާ ވަމުންދާ އެހީތަކެއް.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ހުޅުވިގެން ދިޔަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީ ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށްޓަކާ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ތަނެއްކަމަށް ވެގެންދާނެ ކަމަށެވެ. ރައީސް ވަނި މިފަދަ ދީލަތި ބޮޑު އެހީއެއް ވެދެއްވިކަމަށްޓަކާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާ، އިންޑިއާ ސަރުކާރަށް، އިންޑިއާގެ ރައްޔިތުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

ރައީސް ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ވަޑައިގެން ދެއްވިކަމީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ބަދަހިގުޅުން އިތުރަށް ހާމަވެގެންދާކަމެއްކަމަށެވެ. އަދި މިކަމަށްޓަކާ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ އެސް. ޖަޔަޝަންކަރަށް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.