އައްޑޫ ސިޓީގައި ޤާއިމުކުރާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓް، ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މިއެކަޑަމީ ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ. ނެޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު ޝާހިދާއި ހޯމް މިނިސްޓަރު އިމްރާނާއި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ތަންފީޒީ އިދާރާތަކަށް ޚާއްސަކުރެވިގެން ހަދާފައިވާ މިތަނުގައި، 340 މީހުންނަށް އެއްފަހަރާ މިތަނުގައި ތިބެގެން ތަމްރީނު ފުރިހަމަކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިތަނުގައި ސިއްޙީ ފަރުވާދޭނެ ތަންތަނާއި ކުޅިވަރާއި ތަމްރީނުތަކަށް، 800 މީހުންގެ ޖާގައިގެ ޖިމްނޭޒިއަމްއަކާއި، ބާސްކެޓު، ޓެނިސް އަދި ފުޓްބޯޅަ ގްރައުންޑަކާއިިއެކު، 400 މީޓަރުގެ ދުވާ ޓްރެކެއް ހިމެނެއެވެ. އަދި ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕޭޑެއްވެސް އޮންނާނެއެވެ. މީގެ އިތުރުން ކިޔަވައި ދިނުމަށް 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ކުލާސް ރޫމްތައް ހުންނާނެއެވެ.
The name board of National College of Policing and Law Enforcement opened ceremonially by His Excellency President @ibusolih pic.twitter.com/g9YZ1Ps7EJ
— Maldives Police (@PoliceMv) March 27, 2022
އައްޑޫ ސިޓީގައި ޤާއިމްކުރާ ޕޮލިސް އެކެޑަމީގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2016ވަނަ އަހަރުއެވެ. މަޝްރޫއުގެ ނިމޭއިރު މަޝްރޫއަށް 40އާއި 42 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް ޚަރަދުވާނެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މިތަން ނިމުމަށްފަހު މިތަނުގެ ހުރިހާކަމެއް ފުލުހުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، މިތަނުގެ ފައިދާ މުޅި އައްޑޫ ސިޓީ އަދި ރާއްޖޭގެ ތަންފީޒީ ހުރިހާ އިދާރާއަކަށް ލިބިގެން ދާނެއެވެ. މިއީ ރާއްޖޭގައިވެސް ޤާއިމު ކުރެވޭ މިފަދަ އެންމެ ބޮޑު ތަމްރީނު މަރުކަޒެވެ.
ކޮމެންޓު ފޮނުވާ