ރާއްޖޭގެ ތަރައްޤީގެ ނެފެށި ހުރި އެތައްކަމެއް އިންޑިއާގެ އެހީތެރިކަމާއިއެކު ފެށިފައިވާކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.އެސް.ޖައިޝަންކަރް ރާއްޖެއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ދެ ބޭފުޅުން ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައެވެ.
ޚާރިޖީ ވަޒީރު ޝާހިދު ވަނީ ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެމުންދާ ގްރާންޓް އެހީގެ ތަފްސީލްތައް ޙިސާކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މި އެހީ ރާއްޖޭގެ މައި ސިނާއަތްތައް ކުރިއެރުވުމާއި، އަދި އިޖްތިމާޢީ ދާއިރާގެ ތަރައްޤީގެ ދާއިރާވެސް ލިބެމުންދާކަމަށެވެ.
އެގޮތުން އައްޑޫގައި ޤާއިމުކޮށްފައިވާ ޕޮލިސް އެކަޑަމީއަކީ ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް މިހާތަނަށް ކުރި އެންމެ ބޮޑު ހޭދަކަމަށާއި، މިކަމަކީވެސް އިންޑިއާގެ އެހީތެރިކަންކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އަތޮޅުތަކުގައި 61 ޕޮލިސް ސްޓޭޝަން އިތުރަށް ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށްވެސް އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީތެރިކަން ލިބިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީން ފޯރުކޮށްދީ ކެޕޭސިޓީ ބިލްޑް ކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީ، އައްޑޫ ސިޓީގެ ތަރައްޤީއަށް އިންޑިއާއިން ދީފައިވާ އެހީގެ ތަފްސީލްތައްވެސް ޙިއްސާކުރައްވާފައެވެ.
އައްޑޫގަ ކުރިއަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ 20 ޕްރޮޖެކްޓްގެ ތެރެއިން 2 މަޝްރޫޢު ވަރަށް އަވަހަށް އިފްތިތާޙު ކުރެވިގެންދާނެ. އޭގެތެރޭގައި މީދޫގެ "މުލިމަތި" ޓުއަރިޒަމް ޒޯން ތަރައްޤީކުރުމާއި، އަދި "ވިލުނޫ" ޑްރަގް ރިހެބް ސެންޓަރުގެ ޚިދުމަތް ފެށޭނެ.
– ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި އައްޑޫގެ މަގުތައް ހެދުމާއި، ބިން ހިއްކުންފަދަ މަޝްރޫޢުތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ވެދެމުންދާ އެހީއާއި، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވަން ފަށާފައިވާ ފެލިވަރު ތަރައްޤީކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތްވެސް ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެެވެ.
ކޮމެންޓު ފޮނުވާ