މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކާއި، ހުރި ގޮންޖެހުންތައް ރައްޔިތުންނާއި ހިއްސާކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ލޮނުޒިޔާރަތް ޕާކުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މާލެ ސިޓީގެ ހުރިހާ ދާއިރާތަކަކުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ނިމިދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ ގިނަ ސުވާލު ތަކަށް މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖަވާބު ދެއްވާފައެވެ. އަދި ކައުންސިލްގެ މަސައްކަތްތަކުގެ ތަފްސީލް ހާމަ ކޮށްދެއްވުމުގެ އިތުރުން މޭޔަރ ވަނީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައްވެސް ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ.
މިއާއިއެކު ސަރުކާރުގެ އެއްބާރުލުން ނުލިބި ކުރިއަށް ނުގެންދެވިފައި ހުރި މަޝްރޫޢު ތަކުގެ ތަފްސީލް ވެސް މޭޔަރު ވަނީ ހާމަކޮށްދެއްވާފައެވެ.ރޭގެ ބައްދަލު ވުމުގައި މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލު ތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ "ރައްޔިތުންގެ ޚިޔާލުފޮތް" މޭޔަރ މުޢިއްޒު ވަނީ ނެރެ ދެއްވާފައެވެ.
މީގެ އިތުރުން މިދައުރުގެ ކައުންސިލްގެ ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައިވާ ކަންކަމުގެ ތެރެއިން ފެށި އަދި ނިމިފައިވާ ކަންކަމާއި، ކުރިއަށް ނުގެންދެވި ހުރި ކަންކަމާއި، އޭގެ ތަފްސީލްވެސް މެޔަރު ވަނީ ވިދާޅުވެ ދެއްވާފައެވެ.
ރައްޔިތުންގެ ބައްދަލުވުމުގައި ވަނީ މާލެ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ނިމިދިޔަ 2021 ވަނަ އަހަރު ކުރެވުނު މުހިންމު ކަންކަމާއި ގުޅޭ އަހަރީ ރިޕޯޓު އާންމުކޮށްފައެވެ. މިއާއިއެކު ކައުންސިލްގެ މާލީ ބަޔާނުގެ ތަފްސީލްވެސް ވަނީ ހާމަކޮށްފައެވެ. ކައުންސިލްގެ އަހަރީ ރިޕޯޓާއި އެކު މާލީ ބަޔާން މިހާރު މާލެ ސިޓީގެ ވެބްސައިޓުގައި https://malecity.gov.mv/downloads ވަނީ ޝާއިއު ކުރެވިފައެވެ.
ރައްޔިތުންގެ ބައްދަލުވުން 2022 ގެ ތެރެއިން. pic.twitter.com/J8knkzzWIQ
— Male' City Council (@MaleCitymv) March 25, 2022
މުހިންމު ގިނަ މަޢުލޫމާތުތަކެއް ހިއްސާކުރެއްވެވުމަށްފަހު ރޭގެ ބައްދަލުވުމުގައި ރައްޔިތުންގެ ޚިޔާލާއި ޝުޢޫރު ފާޅުކުރުން ކުރިއަށް ގެންގޮސްފައިވެއެވެ. އެ ފުރުޞަތުގައި ގިނަ ބަޔަކު ވަނީ ޚިޔާލު ހުށަހަޅުއްވާފައެވެ. އަދި މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ޚިޔާލުތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.