ރައީސް ނަޝީދު ބޭރުކުރާކަށް އެކަކުވެސް ނުޅޭ، އެކަން ނުވެސްކުރެވޭނެ: ނިހާދު

ރައީސް ނަޝީދު ބޭރުކުރާކަށް އެކަކުވެސް ނުޅޭ، އެކަން ނުވެސްކުރެވޭނެ: ނިހާދު

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2022 02:23
0

އެމްޑީޕީގެ ރައީސް ނަޝީދު އެޕާޓީން ބާކީކޮށް، ބޭރުކޮށްލުމަށް އެއްވެސް މީހަކު ނޫޅޭކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީން ބާކީކޮށް، ބޭރުކޮށްލަން ޖާގަ ނުދޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީ ވަނީ އިއްޔެ ވިދާޅުވެފައެވެ. އަދި އިންތިއަށް ތާއީދުކުރާ ޓީމުން ދަނި މިވާހަކަ ތަކުރާރުކޮށް ދައްކައި، ރައީސް ނަޝީދު އެމްޑީޕީން ބާކީ ކުރަން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

މިވާހަކަތަކަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ބޭރުކޮށް އެމަނިކުފާނު އެމްޑީޕީން ބާކީ ނުކުރެވޭނެކަމަށެވެ. އެފަދަ ވާހަކަ ދައްކަނީ އެމްޑީޕީ ބައިބައިކޮށް، އެމްޑީޕީ ތެރޭގައި މައްސަލަތައް އުފެއްދުމަށް ކަމަށް ނިހާދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ބޭރުކުރާކަށް އެކަކުވެސް ނުޅޭ! އެކަން ނުވެސްކުރެވޭނެ! ރައީސް ނަޝީދުގެ ނަން ބޭނުންކޮށްގެން ފިތުނަ ކުރަން މަސައްކަތް ކުރުމަކީ ދެރަކަމެއް! ތިޔަފަދަ ފިތުނައިގެ ސަބަބުން ޕާޓީއަށް ލިބޭނީ ގެއްލުން! ރިވެތިކޮށް އުޅުއްވާ! ދޮގު ނުފަތުރާ!

– ނިހާދު ވިދާޅުވިއެވެ.

ހުވަދު އަތޮޅުގެ ރަށްތަކުގައި އިންތިގެ ޓީމުން ކުރަމުންދާ ކެމްޕެއިންފައި އިއްޔެ ހަވީރު ގއ.ދެއްވަދޫއަށް ވަޑައިގެން ދެއްވަދޫ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީ ދެފަޅިކޮށްލަން ނުވަތަ ކަފިކަފި ކޮށްލަން ބަޔަކު މަސައްކަތް ކުރާތަން ފެންނަ ކަމުގައެވެ. މިފުރުސަތު ދީފިކަމަށް ވަނީނަމަ، އެމްޑީޕީއަށް ޤުރުބާން ވީ ބޭފުޅުންގެ މަސައްކަތް އަނެއްކާ އެދިޔައީ ފަހަތަށް ކަމުގައި އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތަކީ ވަރަށް ރޭވިގެން އެމްޑީޕީން ރައީސް ނަޝީދު އެއްފަރާތްކޮށް، ބޭރުކޮށްލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެކަމަށް ޖާގަ ނުދޭނެކަމަށް އިންތި ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.