ރާއްޖޭގެ ރައީސަކީ ކޮންބޭފުޅެއްތޯ ސާފުކުރަން ސްޕްރީމްކޯޓަށް ދާންޖެހޭ: ޓޮމް

ރާއްޖޭގެ ރައީސަކީ ކޮންބޭފުޅެއްތޯ ސާފުކުރަން ސްޕްރީމްކޯޓަށް ދާންޖެހޭ: ޓޮމް

Author
މުޙައްމަދު ޝަޒައިމް
09 މާރޗް 2022 12:05
0

ރާއްޖޭގެ ރައީސްކަމުގައި މިހާރު ހުންނެވީ ކޮން ރައީސެއްތޯ ސަފު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސްޕްރީމް ކޯޓަށް ދާންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤު ވިދާޅުވެއްޖެއެވެ.

ތައިރޮއިޑްގެ ބޭސްފަރުވާއެއްގައި ރައީސުލްޖުމްހޫރިއްޔާ އޮޕަރޭޝަނެއް ކުރެއްވި ވަގުތު ނައިބު ރައީސް ފައިސަލް ނަސީމާއި ވެރިކަމުގެ ބާރުތައް ހަވާލުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ހުވާ ވަނީ ކުރައްވާފައެވެ. ނައިބް ރައީސް ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާ ކުރެއްވކުރެއްވިތާ މަދު ގަޑިއިރެއްގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލުން ބާރުތައް ނަގާފައެވެ.

ނަމަވެސް ރައީސްގެ ބާރުތައް އަލުން ނެގި ނަމަވެސް، ނައިބް ރައީސް، ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވައިގެން ހުންނެވުމުން މިއަދު ރައީސަކީ ކޮން ބޭފުޅެއްކަން ސާފުވާންޖެހޭކަމަށް ޓޮމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤާނޫނީ ގޮތުން ގިނަ ބަޔަކަށް މިކަމުގެ އޮޅުން އަރާފައިވާއިރު، މިކަން މަޖިލީހުން ކުރެއްވި ގޮތަށް މަޖިލީހުން ސްޕްރީމް ކޯޓަށް ގޮސް ދިވެހި ރައްޔިތުންނަށް މިކަން ސާފުކޮށްދޭންޖެހޭ ކަމަށެވެ.

ނައިބަ ރައީސް ލައްވައި، ޤާނޫނު އަސަސީގެ ޖަދުވަލު އެކެއްގައިވާ ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވި ހިސާބުން، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ކާކުތޯ ބެލުމަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް. ހުވާކޮށްގެން ދެރައީސުންނަށް މިއަދު ނުތިއްބެވޭނެ. ހުވާކޮށްގެން އެއްޤައުމެއްގައި ދެ ރައީސުންނަށް ނުތިބެވޭނެ. މިމައްސަލަ ސްޕްރީމްކޯޓަށް ހުށަހެޅުމަކީ މަޖިލީހުގެ ޒިންމާއެއް. މަޖިލީހުން ބަލަން އެބަޖެހޭ ރާއްޖޭގެ ރައީސަކީ ރައީސް ޞާލިހުތޯ، ފައިސަލް ނަސީމްތޯ.

– ޓޮމް ވިދާޅުވިއެވެ.

މީރާއްޖޭގެ ތާރީހުގައި ވެރިކަމުގެ ބާރުތައް މިގޮތަށް ނައިބު ރައީސްގެ އަތްޕުޅަށް ބަދަލުވި ފުރަތަމަ ފަހަރެވެ. އަދި މީރައީސްގެ މަސްއޫލިއްޔަތުތަކާއި ނައިބު ރައީސް ހުވާކުރައްވައިގެން ހަވާލުވެޑައިގެންނެވި ފުރަތަމަ ފަހަރެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހު ހެނދުނު 6 ޖެހިއިރު މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސްއަށް ހުވާލާދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ރަޢީސް ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެޑައިގެންނެވިއެވެ.

ޤާނޫނު އަސާސީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެއްވުމަށް ވަގުތީ ގޮތުން އެމަނިކުފާނު އުޛުރުވެރިވެއްޖެކަމަށް ފެނިއްޖެނަމަ ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަންވާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާނީ އެކަން ރައްޔިތުން މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހުގައިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.