ސާޖަރީއަށްފަހު ރައީސް، މޫސައާއިއެކު މުހިންމު މަޝްވަރާތަކެއް!

ސާޖަރީއަށްފަހު ރައީސް، މޫސައާއިއެކު މުހިންމު މަޝްވަރާތަކެއް!

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2022 01:52
0

ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކު ބައްދަލު ކުރައްވައިފިއެވެ.

ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށްފަހު ރައީސުލްޖުމްހޫރިއްޔާ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ރައީސްގެ ސާރަޖީއަށްފަހު މޫސަ މިއަދު ހިއްސާކުރެއްވި ފޮޓޯގައި ރައީސްގެ ކަރުގައި އަދިވެސް މަލަން އަޅާފައިވާތަން ފެނެއެވެ. މިބައްދަލުވުމުގައި، ރައީސާއިއެކު މޫސަވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.

ރައީސް ޞާލިހާއި ގާތް ގުޅުމެއް އޮންނަ މޫސަ ވަނީ މިބައްދަލުވުމުގައި ކުރެވުނު މަޝްވަރާތައް ކޮންމެވެސް ވަރަކަށް ހިއްސާ ކުރައްވާފައެވެ. އެގޮތުން ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ފައްޔާޟަށް ތާއީދު ކުރަންނ ނިންމަވާފައިވާކަން ރައީސްގެ އަރިހުގައި ދެންނެވިކަމަށެވެ. އަދި އެމްޑީޕީއާއި ގުޅޭގޮތުން މޫސަވަނީ މިބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައެވެ.

ރައީސްގެ ސާޖަރީއަށްފަހު ހެޔޮ ޙާލުކޮޅުގާ ބައްދަލުވެ ޙާލު އޮޅުންފިލުވާލެވުނު އިރާދަކުރެއްވީތީ ރަނގަޅުކަމާ ވަރަށްއަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވިދާޅުވި، އެމްޑީޕީ ވާހަކަވެސް ދައްކާލެވުނު. ދެންނެވިން ފައުންޑަރެއްގެ ޙައިސިއްޔަތުން އަޅުގަނޑު ފައްޔާޟަށޭ ތާއީދުކުރަނީ.

– މޫސަ ކުރި ޓުވީޓުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރެއްވީ މިދިޔަ މަހުގެ25 ވަނަ ދުވަހުއެވެ. އަދި އެ އޮޕަރޭޝަނަށްފަހު ހާލުކޮޅު ރަނގަޅުކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ހެޔޮ ދުޢާކުރައްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހުގެ 25 ވަނަ ދުވަހު ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް އެމަނިކުފާނުގެ ބާރުތަކާއި މަސްޢޫލިއްޔަތުތައް ކުޑަ ވަގުތުކޮޅަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ހަވާލުކުރެއްވިއެވެ. ނަމަވެސް 3 ގަޑިއިރާއި30 މިނެޓް ފަހުން ރައީސް ވަނީ އަލުން އެމަނިކުފާނުގެ މަސްޢޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތްކަން ހާމަކުރެއްވުމާއެކު އެތައްބަޔަކުވަނީ އެމަނިކުފާނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކޮށް ހެޔޮ އެދުން ފާޅުކޮށްފައެވެ. އޭގެތެރޭގައި ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރި ބޭބޭފުޅުންނާއި ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި ޢާއްމު ރައްޔިތުންގެ އެތައްބަޔަކު ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ސިންގަޕޫރަށް ވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.