ޝަޢުބާން މަހުގެ ދުވަސްތަކަކީ އަޅުގަނޑުމެންގެ ހެޔޮ ޢަމަލުގެ ފަތަށް ހެޔޮ ޢަމަލުތައް އިތުރުކޮށްލަން ލިބިފައިވާ ރަނުގެ ފުރުޞަތެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާ ޚާއްސަ ކޮށްފައިވަނި ޝަޢުބާން މަހުގެ ދުވަސްތަކުގައި ހެޔޮ ޢަމަލުތައް ގިނަ ކުރުމުގެ މައްޗަށެވެ. ޚުތުބާގައިވަނީ މިމައްސަރުގެ މާތްކަމާއި، އަދި ކުރިއަތް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔަރުވުމުގެ ގޮތުން ކުރަންވީ މުހިންމު ކަންކަމުގެ މައްޗަށްވެސް އަލި އަޅުވާލާފައެވެ.
މިއަދު ފެށިގެން މިދަނީ، ޙުރުމަތްތެރި ކުރެއްވިގެންވާ ރަޖަބު މަހާއި ބަރަކާތްތެރިވެގެންވާ ރަމަޟާންމަހާ ދެމެދުގައިވާ، އަދި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ދުވަސްތަކާމެދު ޣާފިލުވެފައިވާ ޝައުބާން މަސްކަމަށާއި، ޝަޢުބާން މަހުގެ ދުވަސްތަކަކީ ހެޔޮ ޢަމަލުގެ ފަތަށް ހެޔޮ ޢަމަލުތައް އިތުރުކޮށްލަން ލިބިފައިވާ ރަނުގެ ފުރުޞަތެއްކަމަސް ޚުތުބާގައި ވަނީ ބުނެފައެވެ.
އެފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާ ހިނގާށެވެ! އެމަހުގައި ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ގިނަގިނައިން ރޯދަހިފުމެވެ. ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާންމަހު ރޯދަހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތް ފަދަ ކަމެކެވެ.
– ޚުތުބާގައި ބުނެފައިވެއެވެ.
ރަވާތިބު ސުންނަތްތަކުގެ ސަބަބުން ފަރުޟު ނަމާދަށް ފަށައިގަތުމުގެ ކުރިން މީހާގެ ހިތާ ސިކުނޑި ނަމާދުގެ ތެރެއަށް ވައްދައިލެވެއެވެ. އަދި ނަމާދުގެ ތެރޭގައި ކުރެވިފައި ހުންނަ ބައެއް އުނި ކަންތައްތައް ނަމާދުގެ ފަހުން ކުރެވޭ ރަވާތިބު ސުންނަތްތަކުން ބައްދައިލެވެއެވެ. ހަމަ އެބީދައިން ޝަޢުބާންމަހު ގިނަގިނައިން ރޯދަހިފުމުން ރަމަޟާންމަސް އަންނަންވާ އިރަށް އެމަހުގެ ރޯދަތައް ހިފުމަށް މީހާގެ ނަފްސު ފުރިހަމައަށް ތައްޔާރުވެއެވެ. ރަމަޟާންމަސް ފިޔަވައި އެހެން މަސްތަކުގައި ހިފާ ރޯދައަކީ މުސްތަޙައްބު ރޯދަތަކެކެވެ. އަޅުކަމުގެ ގޮތުން ޘަވާބާ ދަރުމައަށް އެދި ހެޔޮ ޢަމަލުގެ ފަތަށް ބުރަކުރުމަށް މުސްލިމް އަޅާ ކުރުން އެންމެ ރަނގަޅު އެއް ޢަމަލެވެ.
ބައެއް މީހުން ޝަޢުބާންމަހުގެ 15 ވިލޭރޭ ހަފްލާތައް ބާއްވައި ޖަމާޢަތް ހަދައިގެން އެރޭ ޚާއްޞަކޮށް ނަމާދުކޮށް ހަދަމުންދާތީ އެކަމަށް އަލި އަޅުވާލައި ޚުތުބާގައި ބުނެފައިވަނީ މިއިން އެއްވެސް ކަމަކީ މާތް ރަސޫލާގެ އަރިހުން ސާބިތުވެގެންވާ ކަމެއް ނޫންކަމަށެވެ. އަދި އަޞްޙާބު އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ތާބިޢީ ބޭކަލުންވެސް ކުރައްވާފައިވާ ބޮޑުވެގެންވާ ބިދުޢައެއްކަމަށެވެ. ކޮންމެ ބިދުޢައަކީ މަގު ފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައިކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މިއަދު ފެށިގެން މިދާ ޝަޢުބާން މަހަކީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ރޯދަ ހިފުމާއި އެހެނިހެން އަޅުކަންތައްތައް ކުރުމަށް އަޅުގަނޑުމެންނަށް މާތް ރަސްކަލާންގެ މިންވަރު ކޮށްދެއްވާފައިވާ ރަނުގެ ފުރުޞަތެކެވެ. ވެހޭތާ ފެންނަގާށޭ ބުނާ ބީދައިން ހެޔޮ ގޮތް އިޚްތިޔާރު ކުރަމާތޯއެވެ! މިދިޔަ ރަމަޟާން މަހުން ޤަޟާ ރޯދައެއް ހިފަން ޖެހިފައިވާ މީހަކު ހުރިނަމަ ރަމަޟާންމަސް އައުމުގެ ކުރިން އެރޯދަ ޤަޟާކުރުމަށް އަވަސް ވެގަންނަމާތޯއެވެ!
ޤަޟާކުރަންޖެހިފައިވާ ރޯދަ އާއި ޢާއްމުކޮށް މީހަކު ހިފަމުން އަންނަ ސުންނަތް ރޯދަ (އެބަހީ: ކޮންމެ ހަނދުމަހެއްގެ 13 ، 14 އަދި 15 ވަނަ ދުވަހު ހިފާ ރޯދައާއި، ކޮންމެ ހަފުތާއެއްގެ ހޯމަ ބުރާސްފަތީގައި ހިފާ ރޯދަ) ފަދަ ރޯދަތައް ޝަޢުބާންމަހުގެ ފަނަރައިގެ ފަހުން ވެސް ހިފޭނެކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ