"ބޭއިންސާފުގެ ކުރިމަތީ އަމާން ނުދޭނަން، ސަރުކާރާ ދެކޮޅަށް ހުރިހުރުން ގުޑުވާނުލެވޭނެ"

"ބޭއިންސާފުގެ ކުރިމަތީ އަމާން ނުދޭނަން، ސަރުކާރާ ދެކޮޅަށް ހުރިހުރުން ގުޑުވާނުލެވޭނެ"

Author
މުޙައްމަދު ޝަޒައިމް
03 މާރޗް 2022 12:34
0

ބޭއިންސާފުގެ ކުރިމަތީ އަމާންނުދޭނެ ކަމުގައި ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ އޭނާ ހައްޔަރު ކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ފުލުހުން ވިދާޅުވީ އަލީ ވަހީދު ހައްޔަރު ކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރުމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލ އޮފީހާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާއަށް ކުރަމުންދާ ތުހުމަތު ތަކަކީ ބާތިލް ތުހުމަތު ތަކެއްކަން ހާމަވެ، އޭނާގެ މައުސޫމްކަން ސާބިތުކޮށް ދޭނެކަމަށެވެ. އަދި އޭނާއަށް ކޮށްފައިވަނީ "ފްރޭމް" ކުރުމެއް ކަމަށާއި، އެކަން ފަޅާ އަރުވާލައި އަނިޔާގެ ބަދަލުވެސް ހޯދާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބޭއިންސާފާއި އަނިޔާގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަމަށެވެ.

ބޭއިންސާފުގެ ކުރިމަތީ އަމާންނުދޭނަން. އަނިޔާވެރިކަމުގެ ކުރިމަތީ ކުޑަކަކޫނުޖަހާނަން. އިރާދަފުޅުން ޙައްޤަށް ނަސްރު ލިބޭނެ. ފްރޭމް ފަޅާއަރާ ނުޙައްޤުންދޭ އަނިޔާގެ ބަދަލުވެސް ހޯދާނަން. އަޅުގަނޑުގެ މައުސޫމްކަން ދުނިޔެއަށް ސާބިތުކޮށްދޭނަން. ސަރުކާރާ ދެކޮޅަށް ހުރިހުރުން ގުޑުވާނުލެވޭނެ.

– އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް ހާޒިރުވުމަށް އެންގުމުން އެކަން ކުރައްވާފައެއް ނުވެއެވެ. އަދި އެ މައްސަލަ ސުޕްރީމްކޯޓަށް ހުށައެޅުމުން އެކޯޓުގެ ޝަރީއަތަށްވެސް އޭނާ ހާޒިރުވެޑައިނުގަތުމުން ދެ މަހަށް އަލީ ވަހީދު ޖަލަށްލާންވެސް ސުޕްރީމްކޯޓުން ހުކުމްކުރިއެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު ކްރިމިނަލްކޯޓުން ވަނީ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް އަންގާ ފުލހުންގެ މައްޗަށް އަމުރެއް ނެރެފައެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް މުއްދަތެއް ނެތްގޮތަށް ކޯޓުން ޕާސްޕޯޓް ދޫކޮށްލީ އެ މައްސަލާގައި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ ޖާމިނުވުމުންނެވެ. އަސްހަދު ޖާމިނުވެފައިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ވަޑައިނުގެންފިނަމަ ޒިންމާ އަސްހަދު ނަގާ ގޮތަށެވެ. އަލީ ވަހީދު ރާއްޖެ ވަޑައިނުގަތުމާއި އަސްހަދު 15 ދުވަހަށް ޖަލަށްލުމަށްވެސް ކޯޓުން ހުކުމްކުރިއެވެ.

އަލީ ވަހީދިގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 20 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކުޑަބެ
އަހަރުންވެސް ބޭނުމީ ހައްގަށް ނަސްރެވެ. ކިތަންމެ ބޮޑަށް ފިލާނަމޭ ހީކުރިޔަސް ދިވެހި އެތަކެއް ކަނނަލުންގެ ހައްގުގައި ގަދަކަމުންވެސް ގެންނާންމެވެ. އަދި ހައްގު އަދަބުވެސް ދޭނެއެވެ. ކޮންމެ ފަހަރަކު ތިމާގެ މަކަރާއި ދުލުން ސަލާމަތެއް ނުވެވޭނެއެވެ.