މާލެ މީހުންނަށް ހުޅުމާލެއިން ދޫކުރާ 1،000 ގޯތި ހިލޭ ދޭން އެދިއްޖެ

މާލެ މީހުންނަށް ހުޅުމާލެއިން ދޫކުރާ 1،000 ގޯތި ހިލޭ ދޭން އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
03 މާރޗް 2022 11:50
0

ހުޅުމާލޭން މާލޭގެ ރައްޔިތުންނަށް ދޭން ކަނޑައަޅާފައިވާ 1،000 ގޯތި ހިލޭ ދޭން އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ސިޓީއެއް ފޮނުއްވައިިފިއެވެ.

މާލޭ ރައްވެހިންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވީ ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅީފަޅުން 2000 ގޯތި އަދި ގިރާވަރު ފަޅު ހިއްކާ ބިމުން 2000 ގޯއްޗެވެ. މާލޭ ސިޓީ މޭޔަރު މުއިއްޒު މިއަދު ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ހިލޭ ގޯތި ލިބޭ ފަދައިން، މާލޭ ރައްޔިތުންނަށް ވެސް ހިލޭ ގޯތި ލިބެން ޖެހޭނެ ކަމަށެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ރައްޔިތުންނަށް ދޭން ނިންމާފައިވާ ކަމަށް މީޑިއާއިން މައުލޫމާތު ލިބޭ 1،000 ގޯއްޗަކީ ހަގީގަތެއް ނަމަ، އެހެން ރަށްރަށް ފަދައިން މާލެ ރައްޔިތުންނަށް ވެސް ގޯތި ހިލޭ ދޭން އެދިވަޑައިގެން ރައީސް ސޯލިހަށް ރަސްމީކޮށް ސިޓީއެއް މެދުވެރިކޮށް ދަންނަވާފައިވާނެ ކަމަށެވެ.

މި ކަމުގައި މާލެ ސިޓީ ކައުންސިލް އަދި އެއްވެސް ވަރަކަށް ބައިވެރިއެއް ނުކުރައްވާ، ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ވެސް ސިޓީ ކައުންސިލް ބައިވެރި ކުރުވަން ޖެހޭ، އަދި މާލޭގެ ރައްޔިތުންގެ ކަންކަމުގައި ދުވަހުން ދުވަހަށް އުޅެން ޖެހޭ ބަޔަކީ ވެސް ސިޓީ ކައުންސިލް.

– މޭޔަރުގެ މެސެޖްގައިވެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ފްލެޓްތައް ތަރައްޤީކޮށް ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ އިތުރުން، މާލޭގެ ރައްވެހިންނަށް ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. މީގެތެރޭގައި ހުޅުމާލެއިން 1000 ގޯތި ދޫކުރާނެކަމަށް ވިދާޅުވިއެވެ. އަދި ގުޅީފަޅުގައި މީހުން އާބާދުކުރުމަށް 2000 ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތްތައް މިއަހަރުގެ ޖޫންމަހު ފަށްޓަވާނެކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް އިޖުތިމާޢީ މައްސަލައެވެ. މި މައްސަލަ ޙައްލުކޮށްދެވުމަށް ރަށްރަށަށް ބިން އިތުރުކުރުމަށް، ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތައް މިހާރުވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.