ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި އައްޑޫސިޓީ ކޯގަންނު ޤަބުރުސްތާނު ހިމެނިއްޖެއެވެ. އައްޑޫ ސިޓީ މީދޫ ކޯގަންނު ޤަބުރުސްތާނަކީ މުސްލިމުން ވަޅުލުމަށްޓަކާ ޤަބުރުސްތާނެއްގެގޮތުގައި ވަކި ސަރަޙައްދެއް ކަނޑައަޅާ ރާއްޖޭގައި ހެދުނު އެންމެ ފުރަތަމަ ޤަބުރުސްތާނެވެ.
ބުނެވޭގޮތުގައި މި ޤަބުރުސްތާނަށް 900 އަށްވުރެ ގިނަ އަހަރު ވެފައިވެއެވެ. ވޯލްޑް މޮނިއުމަންޓް ފަންޑް ލިސްޓުގައި ކޯގަންނު ޤަބުރުސްތާނު ހިމަނާފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ކޯގަންނު ޤަބުރުސްތާނު ހިމެނޭހެން ދުނިޔޭގެ އާސާރީ 25 ތަނެއް މި ލިސްޓުގައި ހިމަނާފައިވެއެވެ. ވޯލްޑް މޮނިއުމަންޓް ފަންޑުން މި ލިސްޓު އެކުލަވާލާފައިވަނީ 225 ނޮމިނޭޝަނެއްގެ ތެރެއިންނެވެ.
Koagannu Mosques and Cemetery in Maldives is on the 2022 #WorldMonumentsWatch ! A historic waterfront cemetery with distinct coral-stone architecture is threatened by rapidly rising seas and highlights the urgency for adaptive preservation solutions.https://t.co/1S8ZxojIZA pic.twitter.com/eiRb4Gzouj
— World Monuments Fund (@WorldMonuments) March 1, 2022
ކޯގަންނު ޤަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެ ގިނައިން ރާއްޖޭގައި ފެންނަންވެސް ހުރި ޤަބުރުސްތާނެވެ. އެގޮތުން 1500 އަށްވުރެ ގިނަ މަހާނަގާ މި ޤަބުރުސްތާނުގައި ހުރިއިރު، އޭގެ ތެރޭގައި ޙާފިޘުންގެ މަހާނަގައުކަމަށް ބަލައި އުޅޭ މަހާނަގައުތައް އެބަހުއްޓެވެ. އަދި އިހުގެ ދަންނަބޭކަލުންގެ މަހާނަގައުތައްވެސް އެބަހުއްޓެވެ.
ކޯގަންނު ޤަބުރުސްތާނު ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމަނާފައިވާއިރު، އެ ޤަބުރުސްތާނުގައި ހިރިގަލުން ބިނާކޮށްފައިވާ ފަނޑިޔާރު މިސްކިތަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ރާއްޖޭން ހިމެނުމަށް ހުޝައަޅާފައިވާ މިސްކިތްތަކުގެ ތެރޭގައިވެސް ހިމެނޭ މިސްކިތެކެވެ. މިއީ، އަސްލު ގޮތުގައި މިސްކިތުގެ ޙާލަތު ރަގަނޅަށް ހުރި ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ކުޑަ ހިރިގަލު ވަޑާމުގެ މިސްކިތެވެ.
ގާތްގަނޑަކަށް 105000 އަކަފޫޓުގެ ބޮޑު ކޯގަންނު ޤަބުރުސްތާނުގައި ފަނޑިޔާރު މިސްކިތުގެ އިތުރުން ދެން ފެންނަންހުރި މިސްކިތްތަކަކީ ކޯގަންނު މިސްކިތާއި، އަތަރާ މިސްކިތާއި، ބޯދާ މިސްކިތެވެ. މީގެ އިތުރުން ކޯގަންނު މެދުޒިޔާރަތަކީވެސް މި ޤަބުރުސްތާނުން ފާހަގަކޮށްލެވޭ ތަނެކެވެ.