ހަނގުރާމައިގެ ސަރަހައްދުގައި ތިބި ދިވެހި ދަރިވަރުންނަށް ސަރުކާރުން މާލީ އެހީދީފި

ހަނގުރާމައިގެ ސަރަހައްދުގައި ތިބި ދިވެހި ދަރިވަރުންނަށް ސަރުކާރުން މާލީ އެހީދީފި

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2022 11:40
0

ޔޫކްރެއިންގެ ހަނގުރާމަވެރި ސަރަޙައްދުތަކުގައި ރާއްޖެ ނާދެވި ތާށިވެފައިވާ 21 ދަރިވަރަކަށް މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށް ދީފިއެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިރޭ ކުރި ޓުވީޓުގައި ބުނެފައިވަނީ ރާއްޖެ ނާދެވި ޔުކްރެއިންގައި ތާށިވެފައި ތިބި 21 ދަރިވަރަކަށް ސަރުކާރުން މާލީ އެހީ ދީފައިވާ ކަމަށާއި އަދި އެ ދަރިވަރުންނަށް ބީއެމްއެލްގެ ކާޑުތައް މެދުވެރިކޮށް ކުރެވޭ ޓްރާންސެކްޝަންތަކުގެ ލިމިޓް ވެސް މިހާރު ބޮޑުކޮށްދީފައި ވާނެ ކަމަށެވެ.

އެ ފަސޭހައިގެން ދަށުން އަންނަ މަހު ތިން ވަނަ ދުވަހާ ހަމައަށް އެ ދަރިވަރުންނަށް ބޭންކް މުއާމަލާތްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނެފައިވަނީ ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީ ގުޅިގެން، އެ ސަރަޙައްދުގެ ރަޙުމަތްތެރި ޤައިމުތަކުގެ އެހީ މިކަމުގައި ހޯދަމުންދާކަމަށެވެ. އަދި ދަރިވަރުންގެ ރައްކާތެރި ހިސާބަށް ބަދަލުކޮށް، އެ ދަރިވަރުންނަށް އެހީތެރިކަން ދެވޭނެ ގޮތްތައް އެ ޤައިމުތަކާ ގުޅިގެން ހޯދަމުންދާކަމަށެވެ.

ޔޫކްރެއިންގައި 50 ދިވެހިން ތިބިއިރުގެ އޭގެ ތެރެއިން 35 ދަރިވަރުން އުޅެމުންދިޔައީ ހަނގުރާމައިގެ ނުރައްކާ އެންމެބޮޑު ސަރަޙައްދުގައެވެ. މީގެތެރެއިން ޔޫކްރެއިން-ރަޝިޔާ ބޯޑަރުގެ ކައިރީގައި ދިރިއުޅެމުންދިޔަ 30 ދަރިވަރުން މިހާރުވަނީ ރާއްޖެ އައިސްފައެވެ.

ޔޫކްރެއިންގެ އެހެނިހެން ސަރަޙައްދުތަކުގައި ތިބި 15 ދިވެހިންގެ ޙާލަތުވެސް މިނިސްޓްރީއިން ދަނީ ބަލަމުންނެވެ. ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ވީހާވެސް އަވަހަށް ރާއްޖެ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްވަނީ ފޮރިން މިނިސްޓްރީއަށް އަންގާފައެވެ.

ޔޫކްރެއިންގައި ތިބި ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީއާއި، އެޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރކުރުމަށްވެސް ފޮރިން މިނިސްޓްރިން މީގެ ކުރިން އެދިފައިވެއެވެ. އަދި ޔޫކްރެއިނުން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް މިނިސްޓްރީން މީގެކުރިން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.