ދިވެހިބަސް ރައްކާތެރިކޮށް ކުރިއެރުވުމަކީ، ޤައުމީ ވާޖިބެއް: މައުމޫން

ދިވެހިބަސް ރައްކާތެރިކޮށް ކުރިއެރުވުމަކީ، ޤައުމީ ވާޖިބެއް: މައުމޫން

ދިވެހިބަސް ރައްކާތެރިކޮށް ކުރިއެރުވުމަކީ އަޅުގަނޑުމެން އެންމެންގެ ޤައުމީ ވާޖިބެއް ކަމުގައި ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މާދަރީބަހުގެ ދުވަހުގެ ތަހުނިޔާ ފޮނުވައި ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދިވެހި ބަސް ރައްކާކާތެރިކޮށް ކުރިއެރުވުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ކޮޑުގައިވެސް އެޅިފައިވާ ވަރަށް މަތީ ޒިންމާއެއްކަމަށެވެ. އަދި ދިވެހި ބަސް ކުރިއެރުވުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޤައުމީ ވާޖިބެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މާދަރީބަހުގެ ދުވަހުގެ ހެޔޮއެދުންތައް ލޮބުވެތި ދިވެހި ރައްޔިތުންނަށާއި، ދިވެހިބަހަށް ލޯބިކުރައްވާ ހުރިހާ ފަރާތްތަކަށް ފޮނުވަން. ދިވެހިބަސް ރައްކާތެރިކޮށް ކުރިއެރުވުމަކީ އަޅުގަނޑުމެން އެންމެންގެ ޤައުމީ ވާޖިބެއް.

– މައުމޫން ވިދާޅުވިއެވެ.

މި އަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިޢާރަކީ "ގިނަ ބައްސަ އުނގެނުމުގައި ފަންނިއްޔާތު ބޭނުންކުރުން: ގޮންޖެހުންތަކާއި ފުރުސަތުތައް" މިއެވެ.

ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް މިއަދު ފާހަގަކުރާއިރު، މި ދުވަސް ޚާއްސަ ކުރެވޭ 'ބެންގާލީ ލެންގުއޭޖް މޫވްމަންޓް' އާއި 1952ގައި މިދުވަހު ބަހަށްޓަކައި ގުރުބާންވީ ފަރާތްތަކުގެ ހަނދުމަ އާކުރަމެވެ. މި ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިއަދު ދުނިޔޭގައި މީހުން ވާހަކަ ދެއްކުމަށް ބޭނުންކުރާ ބަސްތައް ނެތިދިޔަނުދީ އެ ބަސްތައް ރައްކާތެރިކަމާއިއެކު އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރުމެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި މުޢާމަލާތު ކުރުމަށް ޖުމްލަ 7000 އެއްހާ ބަސް ބޭނުންކުރާއިރު މީގެ ތެރެއިން ދެބައިކުޅަ އެއްބައި ބަސް މި ޤަރުނުގެ ތެރޭގައި ނެތިގެން ދާނެ ކަމަށް ބަހުގެ މާހިރުން ލަފާކުރެއެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ ދުނިޔޭގެ ނިސްބަތުން ކުޑަ އާބާދީއެއް ވާހަކަދެއްކުމަށް ބޭނުންކުރާ ދިވެހި ބަސް ފަދަ ބަސްތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *