ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު ދަށްވެ، އަލަށް ބަލިޖެހުނު މީހުންގެ އަދަދު 656 އަށް ތިރިވެއްޖެއެވެ.
ކޯވިޑް ކޭސްތައް މިދިޔަ ޖެނުއަރީ މަހުން ފެށިގެންވަނީ އިތުރުވާން ފަށާފައެވެ. އަދި މިޢަދަދުތައް ދެހާހުން މައްޗަށްވެސްވަނީ އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 656 މީހުންނެވެ. ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. އެއީ 497 މީހުންނެވެ. މާލެއިން ޕޮޒިޓިވްވެފައި ވަނީ 79 މީހުންނެވެ. މީގެއިތުރުން ރިސޯޓުތަކުން 48 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 165،729 އަށް އަރާފައެވެ.
ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ދަނީ ދަށްވަމުންނެވެ. މިވަގުތު 14،988 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 23 މީހުންނަށެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 702 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 150،436 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،191 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 292 މީހަކު ވަނީ ނިޔާވެފައެވެ.
އާ އަހަރާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މުޅި ރައްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.