މާލެއިން ރަށްރަށަށް ދިއުމަށް ޕީސީއާރު ޓެސްޓް ނަހަދައި ދަތުރުކުރޭގޮތަށް އެޗްޕީއޭއިން ކަނޑައަޅައިފިއެވެ.
އެޗްޕީއޭއިން ވަނީ ކޯވިޑްގެ ނަންބަރުތައް ތިރިވަމުންދާތީ ގިނަ ލުއިތަކެއް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދީފައެވެ. އެއިދާރާއިން ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޯވިޑު -19 ފެތުރުން ކޮންޓްރޯލްކުރުކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތު ރައްކައުތެރިކުރުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމާފައިވާކަމަށެވެ.
ލުއިދިނުމަށް ނިންމާފައިވަ ފިޔަވަޅުތައް:
1. މާލޭގައި މީހުން އެއްވެ އުޅުމާއި، ހަފްލާތަކާއި އިވެންޓްތައް ބޭއްވުމަށް އޮތް ލިމިޓް އުވާލުން. މިފަދަ ހަރަކާތްތައް ބާއްވަންވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ކޮވިޑް -19 އިން ރައްކާތެރިވުމުގެ ގައިޑްލައިންތަކާ އެއްގޮތަށެވެ.
2. ކުޅިވަރު މުބާރާތްތަކަށް ކުޅިބަލާމީހުންނަށް ނުވަދެވޭގޮތަށް އޮތް އޮތުން އުވާލުން. ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގައިޑްލައިތަކަށް އަމަލުކުރުން.
3. މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭގޮތަށް އޮތް އޮތުން އުވާލުން.
ދެ މަހެއްހާ ދުވަސް ވަންދެން ކޮވިޑްގެ ހާލަތު ގޯސްވެފައި އޮތުމަށް ފަހު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ. ނަމަވެސް ބައްޔަށް ޓެސްޓް ކުރެވޭ މިންވަރުވެސް ދަށެވެ. މާލެ ސަރަހައްދުގެ ޕޮޒިޓިވް ނަންބަރު ސަތޭކައިން ދަށުގައި ހުރިިއިރު އަތޮޅުތަކުގެ ނަންބަރު އަދިވެސް ހުރީ 500 އިން މަތީގައެވެ.
ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެ މާލެއިންވެސް ބަލި ފެންނަ މިންވަރު އިތުރުވާން ފެށުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލޭގައި މަގުމައްޗަށް ނިކުންނައިރު މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުމަށް ބަދަލު ގެނެސްފައެއް ނުވެއެވެ. މިއަހަރު ފެށުނު ފަހުން ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވަމުންގޮސް ޖެބުއަރީ މަހުގެ މެދެއްހާ ހިސާބުން ފެށިގެން ދުވާލަކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ އެއްހާހުން މަތިވާން ފަށާފައެވެ. އަދި މިއަދަދު 2800 އިން މައްޗަށްވެސް އަރައިގެން ގޮސްފައިވެއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދަދު މިހާރުވަނީ 1000ން ދަށްވެފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން މިހާތަނަށް 165000އަށް ވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހި އޭގެ ތެރެއިން 149000އަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.