ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ފަށައިފިއެވެ.
އެ ކޮމިޝަނުގެ ބަޔާނެއްގައި ބުނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށް ވާތީ އެ ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 4 ވަނަ ދުވަހު އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
ޖޭއެސްސީން ބުނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތުގެ ތެރެއިން އެ ކޮމިޝަނަށް ފާހަގަވިކަމަކީ އެ ކޯޓު އުފެދިފައިވާ ގޮތުގެ ގާނޫނީ ހައިސިއްޔަތާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2012 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހު ނެރުނު ހުކުމުގައި ފައިސަލާކޮށް ނިޔާ ކަނޑައަޅުއްވާފައިވާކަމެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުން ބިނާވެފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކަމަށް އެ ކޮމިޝަނަށް ފާހަގަވާތީ އެ ނިންމުން މުރާޖާކޮށްދިނުމަށް ކޯޓަށް ހުށަހެޅިކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ނަމަވެސް ސްޕްރީމް ކޯޓުން މިމަހުގެ 8 ވަނަ ދުވަހު ނިންމަވާފައި ވަނީ ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތްކަމަށާއި ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށެވެ.
ޖޭއެސްސީން ބުނީ ކޯޓުތަކާބެހޭ ގާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސުޕީރިއާ ކޯޓުތައް ކަމަށާއި ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ. އަދި ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެވެސް ހިމެނޭ ގޮތަށްކަމަށާއި، ހުޅުމާލެއާއި ވިލިނގިއްޔަކީވެސް އިދާރީ ވަކި ރަށްރަށެއް ނޫންކަމާއި މާލޭގެ އަވަށްތަކެއްކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
ޖޭއެސްސީގެ ބަޔާނުގައި ބުނީ މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، އަދި ހަމަ މާލޭގެ އަވަށް އަވަށުގައި މެޖިސްޓްރޭޓް ކޯޓުތައް ގާއިމުކުރުމަކީ ގާނޫނާ ހިލާފުނުވެ ކުރެވޭނެ ކަމެއް ނޫންކަން، އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް ފެންނަން އެބައޮތްކަމަށެވެ.
އެހެންކަމުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާމެދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރައްވާފައިވާ ނިޔާ މުރާޖާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމި ނަމަވެސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2012 ވަނަ ޤާއިމްކުރި ހުޅުމާލޭ ކޯޓަކީ ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް އުފެއްދި ތަނެއްކަމަށެވެ. އަދި ޤާނޫނުގައި ނެތް ކަމެއް ޤާނޫނާ އެއްގޮތަށް ނުކުރެވޭނެކަމަށާއި، ޤާނޫނީ މިބޮޑު ފުށުއެރުން ރަނގަޅުކުރުމަށް ޤާނޫނު އިޞްލާޙުކުރައްވާނެކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.