ރާއްޖެއިން އިތުރު 648 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 164229 އަށް އަރާފައެވެ.
އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 648 މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. 485 މީހުން ވަނީ އަތޮޅުތަކުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މާލެއިން ޕޮޒިޓިވްވެފައި ވަނީ 70 މީހުންނެވެ. މީގެއިތުރުން ރިސޯޓުތަކުން 63 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ފާއިތިވެދިޔަ 3 ދުވަހަށް ބަލާއިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ދަނީ ދަށްވަމުންނެވެ. މިވަގުތު 15058 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 26 މީހުންނަށެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭ ބަލިން ރަނގަޅުވީ މީހުނާއެކު ޖުމުލަ 148،868 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3365 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 290 މީހަކު ވަނީ ނިޔާވެފައެވެ.
ޖެނުއަރީމަހުގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މިހާރުގެ ޕީކްގައި އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް ފާއިތުވި 4 ވަރަކަށް ދުވަހު މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އައީ ދަށް ވަމުންނެވެ.