ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގުނު އެންމެބޮޑު ކޮރަޕްޝަން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ވަކި މީހަކަށްވީތީ ދައުވާކުރަން ފަހަތަށް ނުޖެހޭނެ ކަމަށާއި، އެއީ މިސަރުކާރުގައި ހިމެނޭ މީހަކަށްވިޔަސް ދައުވާ ކުރައްވާނެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ މިމައްސަލަޔަކީ ވަރަށް ގިނަ ބަޔަކު ޝާމިލުވާ މައްސަލައެއް ކަމަށެވެ. މިމައްސަލާގައި މިހާރުވެސް ގިނަ ތަހުޤީގުތަކެއް ކުރެވެމުންދާއިރު، ވަކި މީހަކަށްވީތީ ނޫނީ ވަކި ސަރުކާރަކަށް ނިސްބަތްވީތީ މައްސަލަ ނުބަލައި ދޫކޮށް ނުލާނެކަމަށެވެ.
މިމައްސަލާގައި އަޅުގަނޑުމެން ނުބަލަން އެމީހަކީ މިސަރުކާރަށް ނިސްބަތްވާ މީހެއްތޯ، ކުރީ ސަރުކާރަށް ނިސްބަތްވާ މީހެއްތޯ، މަޖިލިސް މެމްބަރެއްތޯ، ކޮންމެ ސަރުކާރަކަށް ނިސްބަތް ވިޔަސް މިމައްސަލާގައި އަޅުގަނޑުމެން ކޮޅެއްގައި ޖައްސާނަން. މިމައްސަލާގައި ވަކި މީހެއްގެ މައްޗަށް ދައުވާ ނުކުރާކަށް އަޅުގަނޑަށް އެއްވެސް ނުފޫޒެން ނާދޭ. އެކަން ކުރާނަން.
– ހުސެއިން ޝަމީމް
ޕީޖީ ވިދާޅުވީ މިމައްސަލާގައި އޮތް ގޮންޖެހުމަކީ މައްސަލަ ހިނގިތާ ހަތަރު ފަސްއަހަރެއް ފަހުން މައްސަލަ ތަހުގީގް ކުރަން ފެށުންކަމަށެވެ. މިމައްސަލާގައި އެންމެ އެކަށީގެންވާ ގޮތަކަށް މަސައްކަތް ފެށިފައިވަނީ މިއަހަރުގެ ތެރޭގައިކަމަށްވާއިރު، މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކަކީ މިމައްސަލައިގެ ބޮޑުމިނަށްބަލާއިރު ރަނގަޅު މިންވަރެއްކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި މިހާރުވެސް މިމައްސަލާގައި ޝާމިލުވާ އިތުރު މީހުންގެ މައްސަލަތައްވެސް ތަހުގީގު ކުރެވި ދައުވާ ކުރުމާއި ހަމަޔަށް ފޮނުވުމަށް ތައްޔާރު ވަމުންދާކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ ވައްކަމަކީ ރާއްޖޭގެ ރައްޔިތުންނާއި، މުއަސްސަސާތަކުގެ ވެރިންނާއި، އަދި އެނޫން ޒިންމާ އުފުލާ ފަރާތްތަކުންވެސް ބިރު ގަންނަ ވަރުގެ ކަމަކަށް ވާންޖެހޭކަމަށް. އެކަން ކުރެވޭ ދައުވާ ކުރުމާއި ދައުވާ އުފުލުން އަވަސް ކުރެވިގެން ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އަދި އަމާޒަކީ މިމައްސަލައާއިއެކީ ރާއްޖޭގައި މިހާތަނަށް ކޯޓުތަކުން ކޮރަޕްޝަންގެ މައްސަލަތައް ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ނުބަލާ މިންވަރަށް ބަލައި ހުކުމް ތަންފީޒު ކުރުންކަމެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކޮމެންޓު ފޮނުވާ