ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާގޮތަށް ބަދަލު ނާންނަނަމަ ދަންވަރަށް މާފޮޅޭހެން ހުކުމްތައް އައުމުގެ ސަޤާފަތް އަދިވެސް ތަކުރާރުވެދާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާގޮތް ބަދަލު ކުރުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތާރިޤު ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ސައުދު ވިދާޅުވީ، ޖޭއެސްސީގެ ކޮމްޕޮޒިޝަން މިހާރު އޮތް ގޮތުން މީގެ ކުރިންވެސް ދަންވަރަށް ކޯޓު ހުޅުވައިގެން ޝަރީއަތް ހިންގައި ހުކުމް ކުރިފަދައިން ކަންކަން ހިނގުމުގެ ފުރުސަތު އޮތްކަމަށެވެ.
މިކޮމްޕޮޒިޝަން މިއޮތް ގޮތަށް އޮވެއްޖިއްޔާ އަދިވެސް ތަކުރާރުވެދާނެއޭ، ދަންވަރަށް މާފޮޅޭހެން ހުކުމްތައް އައުމުގެ ސަޤާފަތް އަދިވެސް ތަކުރާރުވެދާނެއޭ. މި ކޮމްޕޮޒިޝަން ޗޭންޖުކޮށް ދެއްވާ.
– ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި އޭގެ ނަތީޖާވެސް ފެންނަމުންދާކަމަށެވެ. ޚާއްސަކޮށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުން ދިއުމުން ފަނޑިޔާރުން ކުރިން އުޅުނުގޮތަށް ސިޔާސީ މަސައްކަތާއި، ޤާނޫނުން ތަންނުދޭ ކަންކަމުގައި އުޅެން މިއަދު ފަސްޖެހުމުން ދާކަމަށެވެ. ނަމަވެސް މިހާރު ޖޭއެސްސީގެ ކޮމްޕޮޒިޝަން އޮތް ގޮތައް އޮވެ، ނުބައި ވެރިއެއްގެ މައްޗަށް ވެރިކަން ކުރަން ޖާގަ ލިބިއްޖެނަމަ އިއްޔެގެ މާޒީ އަނެއްކާވެސް ތަކުރާރު ވެދާނެކަމަށް ސައުދު ވިދާޅުވިއެވެ.
ރާއްޖޭގެ ޤާނޫނު އަސާސީގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން މިހާރު އޮތް ގޮތަށް ބަލާއިރު، މިއީ މާދަމާވެސް ފުރުސަތު އެބައޮތޭ އިއްޔެ ތަކުރާރުވުމުގެ ފުރުސަތު މާދަމާވެސް އެބައޮތޭ. ނުބައި ވެރިއަކަށް ޚުނުމުހުތާރު ވެރިއެއްގެ އަތްމައްޗަށް، ރައްޔިތުންގެ މަޖިލީހުގެ ބާރާއި ރުކާރުގެ ބާރު އަރާވަގުތަކީ، ހަމަ އިއްޔެ އަނެއްކާވެސް ތަކުރާވުމުގެ ފުރުސަތު އެބައޮތޭ ހުޅުވިފަ.
– ސައުދު ވިދާޅުވިއެވެ.
ޖޭއެސްސީގައި ހިމަނަން ޠާރިޤި ހުށަހެޅުއްވި މެމްބަރުންނަކީ އުއްތަމަފަނޑިޔާރާއި ހައި ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ދަށު ކޯޓްތަކުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ޤާނޫނީ ވަކީލުން އިންތިޚާބުކުރާ ވަކީލަކާއި ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންގެ ތެރެއިން އިންތިޚާބުކުރާ ބޭފުޅަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައި ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ތަޖުރިބާކާރު ބޭފުޅެކެވެ.
ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރާނަމަ ގާނޫނުއަސާސީ އިސްލާހުކުރަންޖެހޭނެއެވެ. ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ. ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ ކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ