ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަށް އެ ކޮމިޝަން އެކުލަވާލުމަށް އިދިކޮޅު މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް އިސްލާހުގެ ބިލެއް ހުށަހެޅުއްވި ނަމަވެސް އެ ބިލަށް ތާއިދު ނުކުރާކަން އެމްޑީޕީގެ މެމްބަރުން ހާމަކޮށްފިއެވެ.
ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވަނީ މިއަދުގެ ޖަލްސާގައި ހުށަހަޅުއްވާފައެވެ. މިބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، އެމްޑީޕީ މެމްބަރުންގެ މިބިލަށް ތާއީދު ނުކުރާކަން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް ޖޭއެސްސީ ބަދަލު ކުރަންޖެހޭކަމަށް އެމްޑީޕީގެ މެމްބަރުން ދިޔައީ ވިދާޅުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަންޖެހޭނީ ގިނަ ރައްޔިތުންގެ ވިސްނުން ހުރި ގޮތެއް ބެލުމަށް ފަހުގައިކަމަށެވެ. އަދި ޖޭއެސްސީގައި މިހާރު އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނެވޭނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ކަމަށްވާތީ މިއީ ގިނަ ބަޔައެއްގެ ތާއީދު އޮންނަ ގޮތަކަށް ނޫނީ ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ.
މިއަދުގެ ބަހުސްގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ބިލަށް ތާއިދު ނުކުރައްވާ ކަމަށާއި އަދި ބިލު ގެ ނިޔަތް ކިތަންމެ ރަނގަޅުވިޔަސް އެއްވެސް އިސްލާހީ ބަދަލެއް އަންނާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި އިންނަވާތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ އެމަނިކުފާނު ޖޭއެސްސީގެ ނުހިމެނުނަސް އެމަނިކުފާނު ބޭނުންވެލައްވާނަމަ ނުފޫޒު ފޯރުއްވެވޭނެ ކަމަށެވެ.
ޓޮމް ހުށަހެޅުއްވި ބިލުގައި އޮތް ގޮތުން، ޖޭއެސްސީގައި ސިޔާސީ ހަތަރު ބޭފުޅުންނެއް ނުތިއްބަވާނެއެވެ. އޭގައިވާ ގޮތުން، ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރާއި، މިހާރު ވެސް އޮންނަ ގޮތަށް ހައި ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ވަކީލުން އިންތިޚާބު ކުރާ ވަކީލެކެވެ.
މިބަލަށް މެމްބަރުން ދެއްކެވިވާހަތަކަށް ބަލައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް އަކީ ދައުލަތުގެ އެއްބާރު ކަމަށްވެފައި މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުމަކީ ނިޒާމުގެ އުނި ކަމެއް ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނެވުމަކީ އެތަނަށް ސިޔާސީ ބާރުވެރިކަން ފޯރުވަންޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޖޭއެސްސީގެ މައިގަނޑު މަސައްކަތަކީ ފަނޑިޔާރުންގެ މައްސަލަތައް ބެލުން ކަމުގައިވާއިރު އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލްވާން ތިބުމަކީ މަސްލަހަތު ފުށު އަރާނެ ކަމެއްގެ ގޮތުގައި ނަޝީދު ސިފަ ކުރެއްވިއެވެ. ބަންޑާރަ ނައިބާއި އެކު ރައީސްގެ މެންބަރަކު ވެސް އިންނަވާނަމަ، އެ ކޮމިޝަންގައި ރައީސްގެ ދެ މެންބަރަކު ތިއްބަވާ ކަމަށް ބެލެވެން އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންވެ އިތުރު މެންބަރަކު އިންނަވަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިޔާސީ ބޭފުޅުންނަކީ ސީދާ ރައްޔިތުން އިންތިހާބު ކުރާ ބައެއް ކަމަށް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެއިރެއްގައި ރައްޔިތުންގެ ވިންދު ހުރި ގޮތް ތަމްސީލުކުރުމަށް މަޖިލީހުގެ މެމްބަރުން ނޫން ބައެއް ނެތް ކަމަށެވެ.
އޭގެ އިތުރުން މިހާރު ނެތް ދެ މެންބަރަކު ހިމަނަން ބިލުގައި އޮތެވެ. އެއީ ސިޔާސީ ބޭފުޅުންގެ ބަދަލުގައި، ގައުމީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން މަޖިލީހުން ރުހުންދޭ ތަޖުރިބާކާރަކާއި، ޝަރީއާ މުދައްރިސުންގެ ތެރެއިން މުދައްރިސެކެވެ.
ކޮމެންޓު ފޮނުވާ