އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ހިޒް އެކްސެލެންސީ އަޖޭ ކުމާރު މިއަދު ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވައިފިއެވެ.
އެމަނިކުފާނުގެ އަރިހުގައި އިންޑިއާ ކަސްކަރިއްޔާގެ އިސް ވަފުދެއްވެސް މިއަދު ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވިއެވެ.
އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ބާއްވާ "ޑިފެންސް ކޯޕަރޭޝަން ޑައިލޮގް" ގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. ޑިފެންސް ކޯޕަރޭޝަން ޑައިލޮގަކީ، ދެ ޤައުމު ގުޅިގެން ކޮންމެ 02 އަހަރުން އެއްއަހަރު ރާއްޖޭގައި އަދި އަނެއްއަހަރު އިންޑިއާގައި ބާއްވަމުންގެންދާ ބައްދަލުވުމެކެވެ.
މި ވަފުދުގެ އިސް ބޭފުޅުން މިއަދު ވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ހަމަ އެއާއެކު ޑިފެންސް މިނިސްޓްރީގައި ބޭއްވި ޑިފެންސް ކޯރޕަރޭޝަން ޑައިލޮގްގައި ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ރީފިޓް ކުރުމަށްފަހު އެމްއެންޑީއެފާ ހަވާލު ކުރުމުގެ ގޮތުން މިއަދު ހަވީރު ހުޅުމާލޭ ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުކޮށްފައިވާ ސަރަހައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވަފުދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އިންޑިއާގެ ޑިފެންސް ސެކެރެޓަރީ ހިޒް އެކްސެލެންސީ އަޖޭ ކުމާރެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީ ވަނީ، ކޯސްޓްގާޑު ޝިޕް ހުރަވީގެ "ޕްލާކް" އެއް އިންޑިއާގެ ޑިފެންސް ސެކެރެޓަރީއަށް ހަދިޔާކުރައްވާފައެވެ. މި ރަސްމިއްޔާތަށް ފަހު، އިންޑިއާގެ ޑިފެންސް ސެކެރެޓަރީ ވަނީ ޝިޕް ހުރަވީ ބައްލަވާލައްވައި، ޝިޕް ހުރަވީގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
Indian Defence Secretary @drajaykumar_ias paid a courtesy call on Min. @MariyaDidi. Discussions focused on further boosting ???????????????? Defence & Security Cooperation. @AmbMunu @HCIMaldives @DefenceMinIndia @MNDF_Official
Eng News: https://t.co/BfuX8jUomc
Dhi: https://t.co/cxlzIaaBYt pic.twitter.com/GXT6s3bWvw— Ministry of Defence (@MoDmv) February 13, 2022
އިންޑިއާ ސަރުކާރުން 2006 ވަނަ އަހަރު އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރެއްވި ކޯސްޓްގާޑު ޝިޕް ހުރަވީގެ ރިފިޓް މަސައްކަތަށް ފެށުނީންސުރެ އިންޑިއާ ސަރުކާރުން ދަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މިގޮތުން އިންޑިއާގެ ވިސާކަޕަޓްނާމް ނޭވަލް ޑޮކްޔާޑްގައި ކޮންމެ ދެ އަހަރުން އެއްފަހަރު ޝިޕް ހުރަވީގެ ރިޕިޓް މަސައްކަތް ކުރެވެމުންދެއެވެ. އެންމެ ފަހުން ކުރެވުނު ރިފިޓް މަސައްކަތުގައި ޝިޕްގެ ހަލްއާއި، ޓޭންކުތަކާއި ކީލް އޭރިއާ މަރާމާތުކުރުމާއި، ޕްރެޝަރ ޓެސްޓް ކުރުމާއި، ފައިނަލް ޕެއިންޓް ސްކީމް ދުއްވުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ. މީގެ އިތުރުން، ޝިޕްގެ ތެރޭގައި ހުރި ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް އަޕްގުރޭޑް ކުރުމުގެ މަސައްކަތްތައް ވެސް ކުރެވިފައިވެއެވެ.
އިންޑިއާ ވަފުދުގެ މި ދަތުރުފުޅުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި އިންޑިއާ ސަރުކާރުގެ އެހީގައި ޤާއިމުކޮށްފައިވާ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ހަދަމުންދާ ކޯސްޓްގާޑްގެ ބިލްޑިންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމުގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށާއި ސިފަވަރަށް ޒިޔާރަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ