އެމްޑީޕީގެ ޕީޖީ ލީޑަރަކު ކަނޑައެޅުމުގެ އިންތިޚާބު މިމަހު 28 ވަނަ ދުވަހު

އެމްޑީޕީގެ ޕީޖީ ލީޑަރަކު ކަނޑައެޅުމުގެ އިންތިޚާބު މިމަހު 28 ވަނަ ދުވަހު

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2022 09:55
0

ވެރިކަން ކުރާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބު މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީން މިރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 2 ވަނަ ޖަލްސާގައި އިންތިޚާބުތައް ބާއްވާނެ ތާރީޚުތައް ހިމެނޭ ޤަރާރު ހުށަހެޅުއްވީ، މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދުއެވެ. މިޤަރާރަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ ރައީސް އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލްއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހަށް އެޖެންޑާ ކޮށްފައިވާ ކަންކަން:
1. ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ އިންތިޚާބު: 28 ފެބްރުއަރީ 2022 / ކުރިމަތިލުމަށް ހުޅުވާލަނީ 10 ފެބްރުއަރީ 2022 ގައި.
2. ޗެއާޕާސަންގެ އިންތިޚާބު: 16 އޭޕްރީ 2022 / ކުރިމަތިލުމަށް ހުޅުވާލަނީ 12 ފެބްރުއަރީ 2022 ގައި.
3. އަންހެނުންގެ ރޫޚުގެ އިންތިޚާބު: 16 އޭޕްރީ 2022 / ކުރިމަތިލުމަށް ހުޅުވާލަނީ 12 ފެބްރުއަރީ 2022 ގައި.
4. ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު: 16 އޭޕްރީ 2022 / ކުރިމަތިލުމަށް ހުޅުވާލަނީ 12 ފެބްރުއަރީ 2022 ގައި.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ހިންގާ ގަވާއިދުގެ 9 ވަނަ މާއްދާގައި ވަނީ، އެޕާޓީގެ އަސާސީ ގަވާއިދުގެ 38ވަނަ މާއްދާގައި ވާގޮތުގެ މަތިން، އެ ގްރޫޕުގެ އެންމެ އިސް ފަރާތަކީ އިންތިޚާބު ކުރާ އެ ގުރޫޕްގެ ލީޑަރު ކަމުގައެވެ. އާޒިމްގެ ދައުރު ހަމަވެފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކު ނެތި މަހަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައި ވާއިރު، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި ބޮޑެތި ޚިޔާލުތަފާތުވުން އުފެދި، ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާއި އަދި ރައީސް ސާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ޕާލަމެންޓްރީ ގުރޫޕުވަނީ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައެވެ. އަދި މި ވާދަވެރިކަމުގައި، ފާއިތިވެދިޔަ ތަނުގައި ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން މަޖިލިސް ފްލޯގައި ރައީސް ސާލިހުގެ އިސްތިއުފާއަށްވެސް ގޮވާފައިވާކަން ފާހަގަ ކޮށްލެވެ.

އެމްޑީޕީންވަނީ އެޕާޓީގެ އިސް މަޤާމުތަކަށް ބޭފުޅުން ކަނޑައެޅުމަށްޓަކައި އިންތިޚާބުތައް ބާއްވާނެ ތަރީހުތައް ކަނޑައެޅުމަށް މިރޭ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމަވާފައެވެ. މިނިސްޓަރ ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަމަށް ވަނީ އެމްޑީޕީގެ އިސްބޭފުޅުން ހިމެނޭ ވަޓްސްއަޕް ގްރޫޕެއްގައި އިއުލާންވެސް ކުރައްވާފައެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް މިހާތަނަށް އިއުލާންކުރައްވާނެކަމަށް ހާމަކުރައްވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.

އެމްޑީޕީގެ އަސާސީގަވާއިދުގައި ބުނެފައިވަނީ، އިންތިޚާބު ބޭއްވުމުގެ 60 ދުވަސްކުރިން އެއިންތިޚާބަކަށް ވާދަކުރުމުގެ ފުރުސަތު ގުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.