ތިނަދޫ ހޮސްޕިޓަލުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

ތިނަދޫ ހޮސްޕިޓަލުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

Author
މުޙައްމަދު ޖިމީ
10 ފެބްރުއަރީ 2022 04:15
0

ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫޢު ނިމުމަކާއި ގާތްވެއްޖެއެވެ. އެ ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.

އެމްޓީސީސީން ބުނީ، ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މަޝްރޫއުގެ މަސައްކަތުގެ 82 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ 99 ޕަސެންޓް މަސައްކަތްވެސް ނިމިފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.

އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މިހާރުވެސް އެކި ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން އަންހެނުންގެ ބަލިތަކާ، ކުޑަކުދިންގެ ޚާއްސަ ބަލިތަކާ، ކަށީގެ ބަލިތަކާ، ހަމުގެ ބަލިތަކާ، ކަރުންމަތީގެ ބަލިތަށް އަދި ދަތުގެ ފަރުވާވެސް އެ ހޮސްޕިޓަލުން ލިބެއެވެ. މީގެއިތުރަށް އެކްސްރޭއާ އެކި ކަހަލަ ޓެސްޓުތައް ހެދުމުގެ ޚިދުމަތްވެސް ލިބެއެވެ.

ހޮސްޕިޓަލުން ފާހަގަކުރާގޮތުގަ އެ ހޮސްޕިޓަލަށް އޮތް އެންމެ ބޮޑު އެއް ދައްޗަކީ ޖާގައިގެ ދަތިކަމެވެ. ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަށް، ސަރުކާރުން އެ ހޮސްޕިޓަލަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކުރީ 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

މިކަމުގެ ޢަމަލީ މަސައްކަތް އެ ކުންފުނިން ފަށާފަވަނީ މިދިޔައަހަރުގެ އޮގަސްޓްމަހުއެވެ. މި މަޝްރޫޢުގައި ހިމެނެނީ އޯޕީޑީ ޢިމާރާތެއް ހެދުމާއި ވިއްސާ ކޮޓަރި ހެދުމަށް އިމާރާތެއް ހެދުމުގެ މަސައްކަތެވެ. އަދި އިމަޖެންސީ ރޫމް މަރާމާތުކުތުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ގޮތުގައި، ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތް ފެށީ 2000ވަނަ އަހަރުއެވެ.

ތިނަދޫގެ 7500އާ ގާތްކުރާ އާބާދީގެ އިތުރުން، އެ ސަރަޙައްދުގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ސިއްޙީ ޚިދުމަތަށް ބަރޯސާވާވަނީވެސް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.