މުސްތަފާބެ އަނެއްކާވެސް އަނގަ ތާޔަކަށް ނުޖެހި ތިޔަ ދައްކަނީ ދިވެހިރާއްޖޭގައި ހިގަމުންދާ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބޭނުންވާ ވާހަކަނޫންތޯއެވެ.
އެހާ ވަރަކުން ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް މުސްތަފާބެ ތިޔަ އުޅުއްވަނީ ކީއްވެގެންތޯ ދިވެހިރައްޔިތުން ސުވާލު އުފައްދައެވެ. މުސްތަފާބޭއަށް ޖުމްހޫރީ ނިޒާމް ރަގަޅުވެގެން ކުރިން ހީވީ އެހެންފަދަ ކަމެއްހެން ނޫންތޯއެވެ.
މުސްތަފާބޭއެވެ. މުސްތަފާބެއަށް އިންތިޚާބެއްގައި ވާދަކޮށް، ވެރިކަމަށް ނާދެވޭކަމުގެ ކޮޅުމަތި އަނެއްކާ ފެނުނީތޯއެވެ. ނުވަތަ ޕާޓީ ތެރެއިން މުސްތަފާބެއަށް ވާދަކުރުމުގެ ފުރުޞަތު ގެއްލުނީތޯއެވެ.
އެހެންވެއްޖެ ކަމަށްވާނަމަ މިހާރު ދިވެހިރާއްޖޭގައި ހިނގަމުން މިދާ ވެރިކަމުގެ ނިޒާމުގެ ތެރެއިން މުސްތަފާބެއަށް ވެރިކަމަށް އާދެވުމުގެ ފުރުޞަތު ނެތްކަމަށް ބަލަންޖެހޭ ނޫންތޯއެވެ. އެގޮތަށް ބަލަންޖެހޭ ސަބަބުތައް މަދެއްވެސްނޫނެވެ.
ފުރަތަމަ ކަމަކީ، 2008 ވަނަ އަހަރު މުސްތަފާބެއަށް ދިވެހިރައްޔިތުން ވެރިކަން ހަވާލުކުރީ ވެރިކަން ކުރެވިދާނެ ކަމަށް ދެކިގެން ނޫންތޯއެވެ. މުސްތަފާބޭގެ ޢަމަލުތައް ބެހެއްޓި ގޮތަކުން ދައުރުގެ މެދުތެރެއިން އަމިއްލައަށް އިސްތިއުފާދެއްވީއެވެ. އެކަމުގެ ސަބަބުން ނައިބު ރައީސް ރައީސަކަށްވެ، އިތުރު ނައިބު ރައީސެއް ޢަޔަންކުރަން ޖެހުނެވެ. މީގެ ސަބަބުން ދައުލަތަށް އުފުލަން ޖެހުނީ ކިހާ ބޮޑު ބުރައެއް ތޯއެވެ.
މުސްތަފާބެ ވެރިކަމުން އަމިއްލައަށް ދުރަށްގޮސް ބަޣާވާތޭ ބޮލުގައި ބަޑިޖެއްސިއޭ ގޮވަމުން މުޅި މާލެ ހަލަބޮލިކޮށް ބޮޑުހުޅުޖެހީއެވެ. ސަރުކާރުގެ އިންފްރާސްޓްރަކްޗަރ ނެތިކޮށްލީއެވެ. ކިހާބޮޑު ގެއްލުމެއްތޯއެވެ. މިއަދު ރާއްޖޭގެ ވެރިކަމުގައި އެ ހުންނެވީ ޕާޓީގެ ބޭފުޅެއް ނޫންތޯއެވެ. މުސްތަފާބެއަށްވުރެ އެތައްގޮތަކުން ވިސްނުންތޫނެވެ. އެކަން އަދިވެސް މުސްތަފާބޭ ގަބޫލުފުޅު ނުކުރައްވަނީތޯއެވެ.
މުސްތަފާބޭއެވެ. މުސްތަފާބޭގެ ވިސްނުން ހުންނަގޮތުން ރައްޔިތުން ދެކެނީ، އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް ވެރިކަމަށް އާދެވޭނެ މަގެއް ހޯދުމުގައި މުސްތަފާބޭ ބުއްދި ފިލާ ދިޔައީ ކަމުގެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ވެރިކަމުގެ ލައްޒަތާ އަރާމް ފެނިފައި ހުރި މީހަކު އަމިއްލައަށް ދުރަށް ދިއުމަކީ ދޫނި ރާއްޖޭގައި ވަރަށްވެސް ނާދިރު ކަމެކެވެ. އަމުދުން ދިވެހިރާއްޖެ ފަދަ, ވެރިކަމަ އަންނަ މީހާގެ ހިތަކަށް މުޅި ގައުމުގެ ބައިތުލްމާލު ލިބޭ ގައުމެއްގައި ވާނީ އެހެން ކަމަށް އަހަރެންވެސް މިހުންނަނީ ގަބޫލު ކޮށްގެންވެ.
އަމުދުން ދިވެރާއްޖޭގައި ކަންހިގަމުންއަންނަނީ ވެސް އެގޮތަށް ނޫންތޯއެވެ. މުސްތަފާބެއަށްވެސް ޖެހިގެން ތިޔައުޅެނީ ހަމަ އެދަތުރެވެ. މިކަން ޝައްކަކާ ނުލާ އަހުރެން ފަދައިން އެތައް ބަޔަކަށް މިހާރު ޔަގީންވާ ވަރު ވެއްޖެއެވެ.
އެހެނީ ވެރިކަމުގައި ހުންނައިރު ވަށައިގެން ބޮޑީގާޑުން ތިބެއެވެ. މީރު އެއްޗެތި ފަރިއްކުޅުވާން ލިބެއެވެ. އަވަހާރަފުޅު ލައްޕަވަން ގަނޑުވަރެއް ލިބެއެވެ. ހަގުބޭކަލުން ތިއްބަވައެވެ. އެކި ފެންވަރުގެ މުވައްޒަފުން އެކިގޮތްގޮތަށް ހޭހަން ކުރައްވަމުން ގެންދަވައެވެ. ދެތިން ރަށުގެ ބަދަރު ހެދޭވަރުގެ ބޮޑު ހޭދައެއް މިގައުމުގެ މާލިއްޔަތުން މުސްތަފާބެއަށް ހަރަދު ނުކުރައްވާތޯއެވެ. ޝައްކެއްނެތެވެ. ޚަރަދުކުރައްވައެވެ. ވަރަށްވެސް ބޮޑު ޚަރަދެއް ދަނީ ކުރެވެމުންނެވެ.
މުސްތަފާބޭ ނިކަން ވިސްނާލަ ބަލާށެވެ. މުސްތަފާބެ މަލާމާތްކުރީ ރައީސް މައުމޫނަށެވެ. 30 އަހަރުގެ ވެރިކަމަށެވެ. އެވެރިކަމުގައި ރައީސް މައުމޫނު ހެއްދެވި ގަނޑުވަރަށެވެ. ދައުލަތުން ރައީސް މައުމޫނަށް އެރުވި ކާރު ކޮޅަށެވެ. އެމަނިކްފާނަކީ ގައުމުގެ ރައީސަށްވީތީ ދައުލަތުން ކުރަމުންދިޔަ ޚަރަދު ތަކަށެވެ. އެމަލާމާތް މިއަދު ރައްދުވެގެން މިދަނީ ޚުދު މުސްތަފާބެއަށް ނޫންތޯއެވެ. އެހެންނަމަވެސް މުސްތަފާބޭ ތިޔަ ހުންނެވީ ދައުލަތުން އެރުވި ގަނޑުވަރާއި، ކާރު ކޮޅާއި، އަދި ނުވިތާކަށް މަތި މައްޗަށް މުސާރަވެސް ނަންގަވައިގެންނެވެ. މުސްތަފާބޭ ތިޔަ ހުންނެވީ މިވާހަކަތައް ތާރީޚީ އިލްމުވެރިން ކޮންމެ ގޮތަކަށް ލިޔުނަސް ހެޔޮ ކަމުގައި ހިތައިގެން ނޫންހެއްޔެވެ. މިއީ ކިހާބޮޑު އިބުރަތެއް ތޯއެވެ.
މުސްތަފާބޭއެވެ. މުސްތަފާބެއަކީ ކާކުކަން ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެގޭހާވަރު ވެއްޖެހެން މިހާރު އެބަ ހީވެއެވެ.
ހިތަށް އެރިހާއެއްޗެއް ތިޔަ ދަނީ ހިތައް އެރިހާ ބަޔަކާ ދިމާލަށް ވީއްލާލަމުންނެވެ. ހިތަށްއެރިހާ ގޮތަކަށް އުޅެފާނެއެވެ. ރާއްޖޭގެ ސަގާފަތާއި އާދަކާދައާ ނުގުޅޭ އެތައްކަމެއް މުސްތަފާބޭގެ ފަރާތުން ރައްޔިތުންނަށް ފެނިއްޖެއެވެ. އަދިވެސް އެހެރަގެން ދަނީ ފެންނަމުންނެވެ. މުސްތަފާބޭގެ ފަރާތުން މިހާތަނަށް ފެނިފައިވާ ކަންކަމުގެ މައްޗަށް ބަލައި ރައްޔިތުން މުސްތަފާބެއަށް ނޫނެކޭ ބުނެފައިވަނީ ކިތައްފަހަރު ކަމެއް ޚުދު މުސްތަފާބޭއަށްވެސް މިހާރު އެގޭހެނެއް ހީއެއް ނުވެއެވެ.
މުސްތަފާބޭ މިހާރު ތިޔަ ވިދާޅުވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕާޓީއަށް %51 ކާމިޔާބު ނުލިބުމަކީ ލަދުގަންނަންޖެހޭ ކަމެއްގެ ވާހަކައެވެ. މުސްތަފާބޭ ބުނަންތޯއެވެ. ޒުވާންކަމުގެ ޖޯޝާ ފޯރިއަކީ އަބަދަކު ހުންނާނެ އެއްޗެއްނޫނެވެ. އެހަކަތައާއި އެވިސްނުން މަޑުމަޑުން އޭގެ ޒާތުގައި ނެތިގެންދާނެ ކަމަށް މުސްތަފާބޭއަށް ގަބޫލު ނުކުރެއްވެނީތޯއެވެ.
އިރެއްގައި މުސްތަފާބެއާ ނުލައި ގެއެއްގެ މާލޫދެއް ނުކިޔެއެވެ. ކުކުޅެއް ކަތިލިޔަސް އެދުރަކީ މުސްތަފާބެއެވެ. ވިހޭ ގޭތެރޭގައި ބަންގި ގޮވަނީވެސް މުސްތަފާބެއެވެ. އެސްފީނާއަށް ފެންކިޔަވައި ދެނީވެސް ހަމަ މުސްތަފާބެއެވެ. ދޯނި ފަހަރު ފެނުޖަހަނީވެސް މުސްތަފާބެއެވެ. ހެކިވެރިއަކީވެސް މުސްތަފާބެއެވެ.
އެހެންވީމާ މުޅި ގައުމުގައި މުސްތަފާބެ ނޫންތޯއެވެ. އެއީ އެދުވަހެވެ. އެކަމަކު މިއަދު އެހެންތޯއެވެ. އެހެންވީމާ، އިންތިޚާބުން %51 ނުލިބުމަކީ ވެދާނެ ކަމެއްނޫންތޯއެވެ. އެކަމަށް ތަސްލީމުވުންނޫން ދެން އޮތީ ކޮން އެހެންގޮތެއްތޯއެވެ. މުސްތަފާބޭއަށް މިހިރަ ކަންކަން ވިސްނައި ނުގަނެވޭތީ އަހަރެން މިހުންނަނީ އަޖައިބުވެ އަންތަރީސް ވާހާވަރު ވެފައެވެ.
މުސްތަފާބެ އަޑު އަހާބަލާށެވެ. ދަރިއަކު ބޭރަށްލީ އެއްޗެހި ކާތަނެއްގައި އެއްވަނަ މީހަކަށް މުސްތަފާބެއަށްއަށް އެއް ޒަމާނެއްގައި ދިޔައީ ދައުވަތު ލިބެމުންނެވެ. އެއީ މުސްތަފާބޭގެ ރަންޒަމާނެވެ. އެއިރު މުސްތަފާބޭގެ ބަސްވިކެއެވެ. މުސްތަފާބެ ބުނާބަހަކީ ވިދާޅު ބަސްފުޅު ނޫންތޯއެވެ. އެޒަމާން މާޒީއާ އެކުވެ ނިމުނީއެވެ. ނަމަވެސް މިހާރު މުސްތަފާބޭ ޖަހާހާ ބެރަކަށް ނަށާނެ މާކަގިނަބަޔަކު ނެތެއް ނޫންތޯއެވެ. ތިބި ދޮޅަހަކަށް މެމްބަރުންނެވެ. ޒަމާނުގެ ސޯބާއި އެއްވަރަކަށް މުސްތަފާބޭގެ ސޯބުތައް ނޭބުރެނީ ހެއްޔެވެ. އެކަނި އުޅުއްވަން ހައްދަވައިގެން, ސޯބުތަކުގައި ތެޔޮ ޖަހާލާ ހަދާލާ, ބުރުސް އަޅާ ހަދާލެވޭނޭ ގޮތެއްވެސް ނެތީހެއްޔެވެ.
މުސްތަފާބޭއެވެ. މުސްތަފާބޭގެ އަރިސްކޮށް އުޅޭ ހަތަރު ކަށިމަތި މާލޭ, ޙަސަން ކޮޔަކީވެސް ދެއުޅި އެއްނުވާ ކަހަލަ ވާހަކަ ދައްކާމީހެއް ނޫންތޯއެވެ. ކޮމަންޑޫ ދާއިރާގައި މިހާރު ހިގަމުންދާ މަޝްރޫޢުތަކަކީ، ބަޖެޓްގައި ހިމެނިފައިނެތް އެކަމަކު ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން އުފަންކުރުވި މަޝްރޫއުތައް ނޫންތޯއެވެ. އެކަމަކު ހަސަނު ބުނަނީ އެއީ ބައިލެކްޝަނާ ގުޅުވައިގެން ސަރުކާރުން ހިންގަން ހަމަޖެހިފައިވާ ކަމެއްނޫން ކަމަށެވެ.
މުސްތަފާބޭ ނިކަން ވިސްނާލަ ބަލާށެވެ. ދެކޮމަންޑޫ ގުޅާލުމުގެ ބޮޑު މަޝްރޫޢު ފެށިގެން އެދިޔައީ, ރޯމާ ދުވާލު މެންދުރު އިރު މެދު ޖެހިފައި ހުއްޓާ, މިރާއްޖޭގެ ރައްޔިތުން ބަލަބަލާ ތިއްބައެވެ. ބޯޅަނދަނޑު، އައު އެމްބިއުލާންސް ދިހަވަރަކަށް ދަޅު ހުދުކުލަ ދީހެދީ, އެއީވެސް ނުފޫޒު ނޫންތޯއެވެ. މިއީ، ޕްލޭންކުރެވިގެން އަންނަ ކަންކަމަށް ނުވާތީ މިބާވަތުގެ ކަންކަމަށް އާވާރާ ތަރައްޤީއޭ މީހުން ކިޔާ އުޅޭތީ ވަރަށް ގިނައިން އަޑުއިވެއެވެ.
މުސްތަފާބޭގެ އަޚް ވެރިކަމުގައި ހުރުމުން އުފަލެއް ނުވޭ ހެއްޔެވެ. ޕާޓީގެ މަދު މެމްބަރުންކޮޅެއް ހިތްހަމަނުޖެހުނަސް ކޯލިޝަން ދަމަހައްޓަމުން ވެރިކަމުގައި ތިން އަހަރަށްވުރެ ގިނަދުވަސްވީއެވެ. ތަރައްގީގެ މަސައްކަތްތައް ކުރަމުން ނުދޭތޯއެވެ. މުސްތަފާބޭގެ އަޚުގެ ވެރިކަމުގައި ކުރިމަތިވި މަޖިލީހުގެ ފުރަތަމަ ބައި އިލެކްޝަންވެސް އެހެރަގެން ކާމިޔާބު ކުރެއްވީއެވެ. ވެރިކަމުގެ ނިޒާމްގެ ތެރޭގައި ކޯލިޝަން ހިފަހައްޓާއިގެން އަޚު އެކުރައްވާ މަސައްކަތް މުސްތަފާބެއަށް ކަމުނުދަނީތޯއެވެ. މުސްތަފާބޭއެވެ. ތެދު ފުޅެކެވެ. ދަހިވެތި ކަމާއި އެދުންވެރި ކަމަކީ އިންސާނުންގެ ތަބީއަތާއި އެމުނި އެކުލެވިގެންވާ ކަންކަމެވެ. އެހެންނަމަވެސް، އޭގައިވެސް ހައްދެއް އޮންނާން ވާނެ ނޫންތޯއެވެ.
މުސްތަފާބެއަށް މިއަދު ދިމާވެގެންއުޅޭ މައްސަލައެއްކަމަށް ގިނަބަޔަކު ފާހަގަކުރަނީ މުސްތަފާބެއަށް މިގައުމުގެ އާރާބާރު، ޝާނާއި ޝައުކަތު ނުލިބިގެން އުޅުއްވާ މައްސަލައެވެ. މުސްތަފާބެ ތިޔަ ވިދާޅުވަނީ މިގައުމު ހިންގަން އެންމެ ރަގަޅު ނިޒާމަކީ ބަރުލަމާނީ ކަމަށެވެ. އެހެންނަމަވެސް ބަރުލަމާނީ ނިޒާމަކީ މިއަދުގެ ޖީލަށް އެހާ ކަމުދާ ނިޒާމަކަށް ނުވި ނޫންތޯއެވެ. ތާއީދެއް ނެތެވެ. މިކަމުގައި މުސްތަފާބޭ ތިޔަހާ ކޮށި ވިސްނުން ގެންގުޅުމަކީ ބުއްދިވެރި ކަމެއް ހެއްޔެވެ. މުސްތަފާބޭއަށް ހެޔޮ ވިސްނޭނީ ކޮން ދުވަހަކުން ހެއްޔެވެ.
މުސްތަފާބޭގެ ޕާޓީ ތެރޭގައި މިހާރު ކަންކަން ވަމުން އަންނަގޮތާއި، ގައުމުގެ ސިޔާސީ މަސްރަހު އެބުރެމުންދާ ގޮތުން މުސްތަފާބެއަށް އޮތީ ކޮން ފުރުސަތެއްތޯ ގިނަބަޔަކު ސުވާލު ކުރަން ފަށައިފިއެވެ. މުސްތަފާބޭވެސް ގަބޫލު ކުރަންވީ ހަގީގަތަކީ, މިއަދު މިގައުމުގައި ވެރިކަން ކުރާނެ އެތައް ސިޔާސީ ލީޑަރުންނެއް ތިބި ކަމެވެ. އޭގެ ހެއްކަކީ ޕާޓީ ތެރޭގައި އޮތް ހަމަނުޖެހުންތަކެވެ. ޚިޔާލު ތަފާތު ވުމެވެ. ޕާޓީގެ ވެރިކަން ހިގަމުންދާއިރު، ރައީސަށް އިތުބާރުއޮތްކަން ދޭހަވާގޮތަށް އެތައް ބޭފުޅުންނެއް ވާހަކަފުޅު ދައްކަވަމުން އެބަގެންދަވާ ނޫންތޯއެވެ. މަޖިލީހުގައިވެސް ބޮޑު މެޖޯރިޓީއެއް ރައީސަށް އެބައޮތް ނޫންތޯއެވެ.
އެ ތާއީދާއި އެފުރުސަތު މިއަދު މުސްތަފާބޭއަށް ނެތިގެން އުޅޭ ސަބަބާމެދު މުސްތަފާބޭ ފުންކޮށް ވިސްނަވާކަށް ނުވޭތޯއެވެ. ގޮތް ދޫކުރާކަށް ނުވޭތޯއެވެ. އަނެކުން ދައްކާ ވާހަކަތަކުގެ އަޑު މުސްތަފާބޭއަށް ނީވެނީތޯއެވެ. ނުވަތަ ގަސްތުގައި ނީވޭކަމަށް ހައްދަވަނީ ތޯއެވެ. އެހެންނަމަވެސް، ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުންގެ ނަޒަރުގައި މުސްތަފާބެއަށް ދެން ފުރުސަތު ނެތްކަމަށް އެމީހުން ބުނާތީ އަހަރެން އެބަ އަޑު އަހަމެވެ. މިއީ އަޅެފަހެ ދޮގެއްތޯއެވެ.