މަތީ ތަޢުލީމާއި ތަމްރީންގެ ދާއިރާއިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ކުރިއަށްގެންދާ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން 720 ފުރުޞަތު ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމްގެ ލޯން ސްކީމަށް ހުޅުވާލި 720 ފުރުޞަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރިގައި ބޭއްވި ޕްރެސްކޮންފަރެންސްގައި މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ، މަތީ ތަޢުލީމާއި ތަމްރީންގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް އުނގެނުމަށް ހުޅުވާލި 720 ފުރުޞަތުގެ ތެރޭގައި އަލަށް ކިޔަވަން ފަށާ ކުދިންނަށް ޚައްޞަ 417 ފުރުޞަތާއި މިވަގުތު ކިޔަވަމުންދަ ދަރިވަރުންނަށް 303 ފުރުޞަތުކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ލޯން ސްކީމަށް ހުޅުވާލާފައިވަނީ މިސްޓޫޑަންޓް އެޑްމިނިސްޓްރޭޝަން ފީ %3އިން އިން %1އަށް ކުޑަކުރުމަށްފަހުކަމަށެވެ.
މިސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ އަހަރުވެސް އެޑްމިނިސްޓްރޭޝަން ފީ ވަނީ %5 އިން %3 އަށް ކުޑަކޮށްފަ. އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި މި އެޑްމިނިސްޓްރޭޗަން ފީގެ ގޮތުގައި %1 އަށް ކުޑަކުރުމަށްވާނީ ކަނޑައަޅަ އިއުލާންވެސްކޮށްފަ. މިއަދު އަޅުުގަނޑުމެން މި ސްކީމް މި ހުޅުވާލަނީ ސްޓޫޑަންޓް އެޑްމިނިސްޓްރޭޝަން ފީ %1 އަށް ކޫޑަކުރުމަށްފަހު. އެއީ މިއަހަރުގެ ސްކީމަށް ޚާއްޞަވާ އެއް ސަބަބު.
– މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރު ހުޅުވާލި ލޯން ސްކީމްގައި ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައި ނުވިނަމަވެސް މިއަހަރުގެ ލޯން ސްކީމްގައި ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. މިގޮތަށް ފުރުޞަތު ފަހިކޮށްދެއްވީ ވަރަށް ގިނަ ދަރިވަރުން މާސްޓާސް ޑިގްރީއަށް ކިޔަވަމުންދާތިއާއި، ކޯވިޑްގެ ސަބަބުން ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރަށް ދިއުމަށް ދަތިވެފައިވާތީކަމަށެވެ. މީގެ އިތުރުން މި ބަދަލު ގެނައުމުގައި ރާއްޖޭގެ ކޮލެޖުތަކުގައިވެސް މާސްޓަސްއަށް ކިޔެވުމުގެ ފުރުޞަތު އޮތުމަކީވެސް މާސްޓާސް ޑިގްރީއަށް ލޯން ސްކީމް ހުޅުވާލި ސަބަބެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަޅުގަނޑުމެން އުއްމީދު ކުރަނީ މި ފުރުޞަތުގެ ސަބަބުން ވަރަށް ގިނަ ދަރިވަރުން ރާއްޖޭގައި ތިބެގެން މާސްޓަސް ޑިގްރިއަށް ކުޔެވުމުގެ ފުރުޞަތު ފަހިވެ އޭގެ ބޭނުން ހިފާނެކަމަށް. އަދި މީގެ ހެޔޮ ފައިދާ ރާއްޖޭގެ ކޮލެޖްތަކަށްވެސް ލިބިގެންދާނެކަމަށް.
– މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިދިޔަ އަހަރުގެ ލޯން ސްކީމްގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖައްސައިދިނީ ވަކި ދާއިރާތަކަކުންކަމަށެވެ. ނަމަވެސް މިއަހަރު ލޯން ސްކީމަށް ފުރުޞަތު ހުޅުވަލާފައިވަނީ ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންނަށްވެސް އެ ދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖައްސަން ލޯން ބޭނުންވާނަމަ އެ ފުރުޞަތު ލިބޭގޮތަށްކަމަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އެމްބީބީއެސްއަށް ކިޔަވާ ދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށްވެސް ލޯން ސްކީމަށް 40 ސްލޮޓް ރިޒާވް ކޮށްފައިވާކަަމަށެވެ. ވަކި ޢަދަދަކަށް ސްލޮޓް އެމްބީބީއެސްއަށް ޚާއްޞަކުރީ އެއީ ދިގު މުއްދަތަކަށް ކިޔަވަންޖެހޭ ކޯހަކަށްވެފައި ވަރަށް ބޮޑު ހޭދައެއް ކުރަންވެސް ޖެހޭތީކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރުގެ ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ހަމަވާނީ 3 މާރިޗް ވަނަ ދުވަހުގެ 13:30ގައެވެ.
ކޮމެންޓު ފޮނުވާ