މޮރޮކޯގައި، ހަނި އަދި ފުން ވަޅަކަށް ވެއްޓި ތާށިވެފައި އޮތް ކުއްޖާ، ފަސްދުވަހުގެ މަސައްކަތުން ނެގިއިރު އޮތީ މަރުވެފަ

މޮރޮކޯގައި، ހަނި އަދި ފުން ވަޅަކަށް ވެއްޓި ތާށިވެފައި އޮތް ކުއްޖާ، ފަސްދުވަހުގެ މަސައްކަތުން ނެގިއިރު އޮތީ މަރުވެފަ

Author
ހުސެއިން
06 ފެބްރުއަރީ 2022 05:37
0

ފަސް ދުވަސްވަން ދެން ހަނި ވަޅެއްގައި، 32 މީޓަރު އަޑީގައި ތާށިވެފައި އޮތް ކުޑަ ކުއްޖާ ސަލަމާތް ކުރުމަށް މޮރޮކޯގެ ފަންނީ މާހިރުން 5 ދުވަސް ވަންދެން ކުރި މަސައްކަތުން، އެކުއްޖާ ވަޅުން ނެގި އިރު މަރުވެފައި ވާކަމަށް މޮރޮކޯގެ ކަމާ ގުޅުންހުރި އިދާރާތަކުން ހާމަ ކޮށްފިއެވެ.

މޮރޮކޯގެ ރޯޔަލް ޕޮލިސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި ކުޑަ ކުއްޖާ ސަލާމަތް ކުރުމަށް ފަންނީ ފަރާތްތަކުން ކަމާއި ގުޅުންހުރި ސާމާނުތައް ބޭނުން ކޮށްގެން، މި ހަނި ވަޅުގެ އެއްފަރާތުން މިބިމުގެ އަޑިއަށް ކޮނެގެން، ކުއްޖާ ތާށިވެފައި އޮތް ހިސާބަށް ވާސިލްވެ، މިކުއްޖާ ނެގިއިރު މަރުވެފައިވާ ކަމަށެވެ.

މި އުދަގޫ އޮޕަރޭޝަންގައި ކުއްޖާ ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތް ކާމިޔާބު ކުރެވި، އެހެންނަމަވެސް މި ކުއްޖާއާއި ހަމައަށް ވާސިލް ވެވުނު އިރު ކުއްޖާ މަރުވުމާއި ގުޅިގެން މޮރޮކޯގެ ރަސްގެފާނު މުހައްމަދު VI ވަނީ މިކުއްޖާގެ މައިންބަފައިންނަށް ގުޅުއްވާ ތައުޒިޔާ ވިދާޅުވެފައެވެ.

ދޮޅު ފޫޓަށްވުރެ ފުޅާ ނޫން، މި ފުން ވަޅަށް މިކުއްޖާ ވެއްޓި ތާށި ވުމާއި ގުޅިގެން، މި ކުއްޖާ ސަލާމަތް ކުރުމަށް، މިބުގެ އަޑިއަށް ކޮންނަ މެކޭނިކަލް އެކުއިޕްމަންޓް ބޭނުން ކޮށްގެން، 5 އަހަރުގެ ރަޔާން ނަމަކަށް ކިޔާ މިކުއްޖާ ސަލާމަތް ކުރުމަށް މޮރޮކޯގެ ސަލާމަތީ ފަރާތްތަކުންވަނީ މެދު ނުކެނޑި 5 ދުވަސް ވަންދެން މަސައްކަތް ކޮށްފައެވެ.

ކުޑަ ކުއްޖާ ވެއްޓުނު ވަޅު ހުރީ މޮރޮކޯގެ ދެކުނުގެ އަވަށެއްގައި، އުސް ސަރަހައްދެއްގައެވެ. މިކުއްޖާ ވަޅަށް ވެއްޓިފައިވަނީ ފާއިތުވި ހަފްތާގެ އަންގާރަ ދުވަހުއެވެ.

މި ވަޅަކީ، 32 މީޓަރު ފުން، ވަޅުގެ އެންމެ މަތިން 45 ވަރަކަށް ސެންޓި މީޓަރު (ދޮޅު ފޫޓު)ގެ ފުޅާމިން ހުރި ވަޅެކެވެ. އަދި ވަޅުގެ ފުނަށް ދިޔަވަރަކަށް ވަޅުގެ ފުޅާމިން ވަނީ ހަނިވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސަލާމަތީ ފަރާތްތަކަށް ވަޅަށް ފައިބާ ކުއްޖާ ސަލާމަތް ކުރުން ވެގެން ދިޔައީ މުސްތަހީލު ކަމަކަށެވެ.

ކުއްޖާ ސަލާމަތް ކުރުމަށްޓަކާ ކޮންނަމުންދިޔަ ސަރަހައްދު

އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކުއްޖާ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދިޔަ ފަރާތްތަކަށް މަޖުބޫރިވީ މި ވަޅުގެ ކައިރިން ކޮނެގެން ވަޅާއި ހަމައަށް ވާސިލްވުމަށެވެ. އެހެންނަމަވެސް، މިގޮތުން ކޮންނަން ފެށުމާއެކު، ބޮޑެތި ހިލަތަށް މުގުރަންޖެހި، މިގޮތުން ކުރަންޖެހުނު މަސައްކަތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ.

އަދި މީގެ އިތުރުން، ބިމުގެ އަޑިއަށް ފުނަށް ކޮންނަން ޖެހުމާއި ގުޅިގެން، ކޮންނަމުން ދިޔަ ދިމާލުން ބިންގަޑު ކަޑައިގެން ވެއްޓި، ކުއްޖާ ތާށިވެފައި އޮތް ވަޅު ބެދިގެން ހިގައިދާނެކަމުގެ ބިރުވެސް އެތައްފަހަރަކު ކުރިމަތިވެގެން ގޮސްފައި ވެއެވެ.

މިހަފްތާގެ ހުކުރުދުވަހު، ސަލާމަތީ ފަރާތްތަކުންވަނީ މި ވަޅުގެ އަޑިއަށް ކެމެރާއަށް ފޮނުވާ މި ކުއްޖާގެ އޮތްގޮތް ބަލާފައެވެ. އޭރު ކުއްޖާ ހަރަކާތް ކޮށްފައިވާކަމަށް ސަލާމަތީ ފަރާތްތަކުން ބުނެފައިވެއެވެ. އަދި މި ކުއްޖާއަށް ކާނާއާއި އޮކްސިޖެން ފޯރުކޮށްދެމުން ގޮސްފައިވަނީ، ވަޅުތެރެއަށް ހޮޅިއެއް ބާނައިގެންނެވެ.

މި ކުއްޖާ ސަލާމަތް ކުރުމުގެ އުދަގޫ އޮޕަރޭޝަން ކުރިޔަށް ގެންދިޔައިރު، މި ސަރަހައްދު ކޮންނަމުންދިޔަ މަންޒަރު ބެލުމަށް މޮރޮކޯގެ އެތައްސަތޭކަ ބަޔަކު މި ސަރަހައްދަށް އެއްވެފައި ވެއެވެ. އަދި ބައެއް ފަރާތްތަކުންވަނީ މިސަރައްދުގައި ޓެންޓު ޖަހައިގެން ރޭދުވާ ހޭދަ ކޮށްފައެވެ. އަދި ބައިނަލްއަގުވަމީ މީޑިއާތަކުގެ ސަމާލުކަންވަނީ މި އޮޕަރޭޝަނަށް ހުއްޓިގެން ގޮސްފައެވެ.

މިކުއްޖާ ސަލާމަތް ކުރުމަށް ހިންގުނު އޮޕަރޭޝަންނުން ކުއްޖާ ދިރިހުއްޓާ ސަލާމަތް ނުކުރެވުމާއި ގުޅިގެން އެތައްބަޔަކު ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.