އިރާނުން އެހީތެރިވެދޭ، ޔަމަނުގެ ހޫތީން މިސައިލުން ޔޫއޭއީއަށް ހަމަލާ ދިނުމާއި ގުޅިގެން، މިސައިލްތައް އަމާޒަށް ވާސިލް ވުމުގެ ކުރިން ހަލާކު ކޮށްލުމުގެ ގާބިލްކަން ލިބިފައިވާ ހަގުރާމަމަތީ މަނަވަރަކާއި އަދި އެންމެ ފަހުގެ ފައިޓަރ ޖެޓްރައް ޔުއޭއީއަށް ފޮނުވަން ހަމަޖެހިފައި ވާކަމަށް އެމެރިކާއިން ބުދަ ދުވަހު ބުނެފިއެވެ.
ޔޫއޭއީގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފައިވާ ގޮތުގައި، "މިހާރު ޔޫއޭއީއަށް ކުރިމަތި ވެފައިވާ ނުރައްކަލުން އެގައުމު ސަލާމަތް ކުރުމަށް" އެމެރިކާއިން އަސްކަރީ އެހީތެރިކަން އެގައުމަށް ފޯރު ކޮށްދިނުމަށް ހަމަޖެހިފައިވަނީ، އެމެރިކާގެ ޑިފެންސް ސެކެޓްރީއާއި އަބޫދާބީގެ ވަލީ އަހުދު މުހައްމަދު ބިން ޒައިދު އަލްނަހުޔާން އާއި ދެމެދު ފޯނުން ކުރެވުނު މަޝްވަރާތަކަށް ފަހުއެވެ.
ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ހަގުރާމަ ކުރަމުންދާ އަރަބި ކޯލިޝަންގެވެސް ބައިވެރިއެއް ކަމުގައިވާ ޔޫއޭއީއަށް ފާއިތުވެދިޔަމަހު ހޫތީންވަނީ ތިން މިސައިލް ހަމަލާއެއް އަމާޒު ކޮށްފައެވެ. މީގެތެރެއިން ފުރަތަމަ ދިން ހަމަލާގައި ތެޔޮ ކާރުޚާނާގައި މަސައްކަތް ކުރަމުންދިޔަ 3 މީހަކު ވަނީ މަރުވެފައެވެ.
ހޫތީން ޔޫއޭއީއަށް ދިން ދެވަނަ ހަމަލާ އަމާޒު ކޮށްފައިވަނީ އެމެރިކާ ސިފައިން ގާއިމްވެ ތިބޭ އަލް ދަފްރާ އެއަރ ބޭސްއަށެވެ. މި ހަމަލާ މި އެއަރބޭސްއަށް އަމާޒު ވުމާއިއެކު، މި ބޭސްގައި ތިބޭ އެއަރ ކުރޫން ބަންކަރުތަކަށް ބަދަލު ކުރެވި، އަމާޒަށް ވާސިލްވުމުގެ ކުރިން މިސައިލް ހަލާކު ކޮށްލުމަށްޓަކާ ޕެޓްރޮއިޓް އިންޓަރސެޕްޓާރތަކުން ވަނީ ރައްދު ހަމަލާތައް ދީފައެވެ.
ޔުއޭއީގައި ހުންނަ އެމެރިކާ އެމްބަސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މިސައިލް ޑެސްޓްރޯޔަރ ޔޫއެސްއެސް ކޯލް ޔޫއޭއީގެ ނޭވީއާއި ގުޅި، އަބޫ ދާބީގެ ޕޯޓުގައި މަޑުކުރާނެއެވެ. އަދި އޭގެ އިތުރުން، ފަސްވަނަ ޖެނެރޭޝަންގެ ފައިޓަރ ޖެޓްތައް އެމެރިކާއިން ޔޫއޭއީގައި ބައިތިއްބާނެއެވެ.
މީގެއިތުރުންވެސް، "ނުރައްކަލުގެ އިންޒާރު ކުރިން ދިނުންފަދަ" ކަންކަމުގައިވެސް އެމެެރިކާއިން އެހީތެރިކަން ފޯރު ކޮށްދެމުން ދާނެކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ