ޗައިނާގެ އައު އަހަރާއެކު ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، ޗައިނާގެ އިސްވެރިންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
މިނިސްޓަރ ޝާހިދުގެ މެސެޖުގައި، ޗައިނީޒް ސްޕްރިންގ ފެސްޓިވަލްގެ މުނާސަބަތުގައި، އަދި އައު އަހަރުގެ މުނާސަބަތުގައި، ޗައިނާގެ ސަރުކާރަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
Wishing all our friends a very Happy Chinese New Year ????
Here’s to a more prosperous #YearOfTheTiger in 2022, and to the success of the Beijing Winter Olympics this month pic.twitter.com/tMEezRPWIZ
— Abdulla Shahid (@abdulla_shahid) February 1, 2022
އަދި މިއީ، ކޯވިޑް-19ގެ އެންމެ ދަތި އުނދަގޫ ދަނޑިވަޅުގައިވެސް، ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވުމަށް ވަރަށް ޚާއްޞަ މުނާސަބަތެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި މިނިސްޓަރުގެ މެސެޖުގައި، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، މި އުފާވެރި އަހަރުގެ ތެރޭގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
އަދި މީގެ އިތުރުން 2022 ވަނަ އަހަރު ބެއިޖިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިންޓަރ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިންތިޒާރު ކުރައްވާކަމުގައިވެސް މެސެޖުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިންޓަރ އޮލިމްޕިކްސް ކާމިޔާބު އޮލިމްޕިކްސް އަކަށްވާނެކަމުގެ އުއްމީދުކުރައްވާ ޗައިނާގެ ސަރުކާރަށާއި، ޗައިނާގެ ރައްޔިތުންނަށް މިނިސްޓަރ ޝާހިދުވަނީ ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އަދި މެސެޖުގައި ޗައިނާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް މިނިސްޓަރުވަނީ އެދިވަޑައިގެންފައިވެއެވެ.