ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީޢަތުގެ އަޑުއެހުމެއް އަހަރެއްފަހުން މިއަދަށް ތައާވަލުކުރުމަށްފަހު ކެންސަލްކޮށްފިއެވެ.
އާޒިމާގެ މައްޗަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ދައުލަތުން ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓްގެ މައްސަލައިގަ އެވެ.
މިމައްސަލާގައި އާޒިމާގެ އިބްތިދާއީ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ޝެޑިއުލް ކޮށްފައިއޮތީ މިއަދު 11 ޖަހާއިރަށެވެ. ނަމަވެސް އެ އަޑުއެހުން މިހާރު ވަނީ ކެންސަލްކޮށްފައެވެ. ކެންސަލް ކުރި ސަބަބެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަޅާގައި 2020 އަވަނ އަހރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވި އަޑުއެހުމުގައ އާޒިމާވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ އެތައްބަޔަކު ހިމެނޭ ކަމަކަށް ވާއިރު ހަމައެކަނި އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ފުރިހަމަ ނުވާ ތަހުޤީގެއްގެ މައްޗަށް ބިނާކޮށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭނާގެ މައްޗަށްކުރާ ދެ ދައުވާގައިވެސް އޭނާ އާއި އެއް ހަމައެއްގައި އަމަލު ކޮށްފައިވާ އެއްވެސް މީހަކާ މިހާތަަނަށް އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށާއި އަދި އެމީހުންގެ މައްޗަށް އެއްވެސް ދައުވާއެއްވެސް ކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ބެންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ޚިލާފަށްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިި ނެރުނު ހުކުމުން އެނގެން އޮތް ކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ، އެކަންކަމަށް ބަލާއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ފުރިހަމަނުވާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކަމަށް ދެކޭކަމަށެވެ. އަދި ގިނަ ބަޔަކު ހިމެނޭ ކަމެއްގައި ހަމައެކަނި އޭނާއަށް އަމާޒުކޮށް ދަޢުވާ އުފުލީ ކީއްވެތޯ އާޒިމާ ސުވާލު ކުރެއްވިއެވެ. މީގެ އިތުރުން ބެންކް އޮފް މޯލްޑިވްސްއިން ލިޔުމެއް ހޯދިކަމަށް ދައުލަތުން ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވަމުން އާޒިމާ ވިދާޅުވީ އެލިޔުމަކީ ދަޢުލަތުގެ ފައިސާކަމަށް ބެލެވޭ ފައިސާ އެކްސްކްރޯ އެކައުންޓަށް ޖަމާކުރިކަން ޔަގީން ކުރުމަށް ހޯދި ލިޔުމެއް ކަމަށާ، އެއީ އޭނާކުރި ކުށެއްކަމަށް ގަބޫލުނުކުރައްވާކަމަށެވެ.
ޢާޒިމާގެ މައްޗަށް އުފުލާފައިވާ ދައުޥާގެ މައްސަލަ ބައްލަވާ ޤާޟީން އެތައް ފަހަރަކު ވަނީ ބަދަލުވެފައެވެ. ކްރިމިނަލް ކޯޓުގައި އެންމެ ފުރަތަމަ އެ މައްސަލަ ބެއްލެވީ ޤާޟީ އަހުމަދު ހައިލަމްއެވެ. ނަމަވެސް ހައިލަމް މަގާމުން ވަކިކުރުމުން ފަހުން އެ މައްސަލައާއި ދެން ހަވާލުވެވަޑައިގަތީ ޤާޟީ ހަސަން ސައީދުއެވެ. ނަމަވެސް ހަސަން ސައީދުވެސް ވަނީ މައްސަލައިން ތަނާޒުލްވެފައެވެ.
އަދި މިހާރު އެ މައްސަލަ އެހެން ސެކްޝަނަކަށް ބަދަލުކޮށް މައްސަލައާއި ހަވާލުވެވަޑައިގެންފައި ވަނީ ޤާޟީ އަލީ އާދަމްއެވެ.
ކޮމެންޓު ފޮނުވާ