ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީލަންކާއަށް އެތެރެކުރެވޭނެ ކަމަށް ލަންކާ ސަރުކާރުން ދެއްވާފައިވާ ޔަގީންކަމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ބުނެފައިވަނީ ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަމަށް މީޑިއާތަކުގައި ފެތުރިފައިވާ ޚަބަރުތަކާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރާ މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ.
ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީލަންކާއަށް އެތެރެކުރެވޭނެކަމުގެ ޔަޤީންކަން ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ވަނީ ދެއްވާފައިވާކަމަށެވެ.
ރާއްޖޭން އެތެރެކުރާ މަހުން ނަގާ ޑިޔުޓީ އެ ގައުމުން ވަނީ ބޮޑުކޮށްފައެވެ. ލަންކާގެ ފިޝަރީޒް މިނިސްޓްރީން ބުނީ އެ ގައުމަށް ބޭރުން އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ބޮޑުކުރަން ނިންމާފައިވަނީ އެގައުމުގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ. މިގޮތުން، ރާއްޖޭން އެތެރެކުރާ މަހަށް ކިލޯއަކުން ނަގާ ޑިޔުޓީ ވަނީ 302 ލަންކާ ރުޕީސްއަށް ބޮޑުކޮށްފައި އެވެ.
ކޮމެންޓު ފޮނުވާ