މާލޭ ސިޓީން ގޯތި ބޭނުންވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމީ މާލޭ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 37 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ވަނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރަށް ދަންނަވައިގެން މިހާތަނަށް ކުރި މަސައްކަތުގެ ނަތީޖާގެ އަލީގައި ދެން ކުރިއަށްދާނެ ގޮތަކާމެދު މަޝްވަރާ ކޮށްފައެވެ.
މި ޖަލްސާގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވަނީ މާލޭގައި ކުދި ބިންތައް ހުރި މީހުން އެ ބިންތައް ދޫކޮށްލުމާއެކު މާލެ ސިޓީން ދޫކުރާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުމާއި، އެކަމަށް ޝައުޤުވެރިކަން ހުރި މީހުން ދެނެގަތުމަށް މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އޮންލައިން ޕޯޓަލެއް ޤާއިމުކުރުމަށް ހުށަހަޅުއްވާފައެވެ. މިކަމަށް ތާޢީދު ކުރައްވާފައިވަނީ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް އެވެ.
މިކަމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން ޤައުމީ އިދާރާތަކުން މާލެ ސިޓީގެ އިޚްތިޞާޞްގައިވާ ސަރަޙައްދެއްގައި އެއްވެސް މަޝްރޫޢެއް ހިންގަންވާނީ ސިޓީ ކައުންސިލާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. ނަމަވެސް ޤާނޫނުގައިވާ ފަދައިން މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ހުޅުމާލޭގައި އެޗްޑީސީން ކުރިއަށްގެންދާ އެއްވެސް ކަމެއްގައި ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލާ ކަންކަމުގައި މަޝްވަރާކުރާނަމަ، މާލޭ ރައްޔިތުންގެ ގޯތިގެދޮރުގެ މައްސަލާގައި ވެސް ރައްޔިތުން އެދޭ ގޮތްތައް ސަރުކާރަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. މާލޭގައި ކުދި ގޯތިތައް ހުރި މީހުންވެސް އެފަދަ ގޯތިތައް ދޫކޮށްލުމަށްފަހު ހުޅުމާލެއިން ގޯތި ދޫކުރާނަމަ އެ ފުރުޞަތު ބޭނުންވާ ކަމަށް އެދި މޭޔަރަށް ސިޓީ ހުށަހަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުން އެފަދަ ފުރުޞަތެއް ހުޅުވާލާއިރު މާލޭގެ ރައްޔިތުންގެ ގެދޮރުވެރިކަމާ ގުޅޭ މިފަދަ ދަފުތަރެއް އެކުލަވައިލެވިފައި އޮތުމުން ކަންކަން ތަންފީޒުކުރަން ސަރުކާރަށް ވެސް ފަސޭހަވާނެ ކަމަށެވެ.
މިކަމާ ގުޅޭ މަޝްވަރާގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ މާލޭގައި ކުދި ބިންކޮޅު ހުރި މީހުން އެ ބިންތައް ދޫކޮށްލުމަށްފަހު ހުޅުމާލެއިން ނުވަތަ މާލޭގެ އެހެން ސަރަޙައްދަކުން ވެސް ދޫކުރާ ގޯއްޗަށް އެދުމުގެ ފުރުޞަތު ބޭނުންވާ މީހުން ދެނެގަތުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އަދި އެފަދަ މީހުން ދެނެގަތުމަށްފަހު އެ ދަފުތަރު ސަރުކާރަށް ހުށަހެޅުމަކީ ސަރުކާރަށްވެސް އަދި ސިޓީ ކައުންސިލަށް ވެސް ފަސޭހަވެގެން ދާނެ ކަމެއް ކަމަށެވެ.
މާލޭ ސިޓީން ގޯތި ބޭނުންވާ މީހުންގެ ދަފުތަރު އެކުލަވައިލުމަށް ހުށަހެޅުނު ހުށަހެޅުން ފާސްވީ ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ އިއްތިފާޤުންނެވެ. އެހެންކަމުން މި ނިންމުން ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ