އެމްޑީޕީން ރާއްޖެއަށް ގެނެސްފައިވާ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުން މިހާރުވެސް ވަރަށް ބޮޑަށް ތަނަވަސް ވެފައިވާކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް މިއަދު މަރޮއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލަކީ އާންމު މީހާގެ ފުދުންތެރިކަން އިތުރު ކުރުންކަމަށެވެ. މިމަސައްކަތުގެ ދަށުން މިހާތަނަށްވެސް ބޮޑެތި ކާމިޔާބީތައް ހާސިލް ކުރެވިފައިވާކަމަށާއި، ރައްޔިތުންވެސް ވަރަށް ބޮޑަށް ފުދުންތެރި ކުރެވިފައިވާކަމަށެވެ.
ނަމަވެސް އެމްޑީޕީން ގަބޫލުކުރަނީ އަދިވެސް ގިނަ މަސައްކަތްތަކެއް ޖެހިފައިވާކަމަށެވެ. އެމަސައްކަތަކީ ހަމައެކަނި މިއިންތިޚާބާއި ހަމައިން ނިމެން އޮތްކަމެއް ނޫންކަމަށާއި، މިކަން ކުރެވޭނީ އެމްޑީޕީއަށް ވަގުތު ލިބިގެންކަމަށެވެ. އެމްޑީޕީން އަމާޒުހިފީ ރާއްޖޭގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަކީ ކުރާ މަސައްކަތުން ރަނގަޅު އުޖޫރައެއް ލިބެންޖެހޭ ބަޔަކަށް ވުންކަމަށެވެ.
އެމަސައްކަތް މިއަދު ކާމިޔާބުކޮށް، ވަޒީފާ އަދާކުރާ މީހުންނަށް ހަމަ އުޖޫރައެއް ކަނޑައެޅިފައިވާކަމަށެވެ. އަދި މަރޮށީގައިވެސް މިއަދު ކުޑަ އުޖޫރަ ލިބޭ 90 އަށްވުރެ ގިނަ މީހުން ތިބިއިރު އެމީހުންނަށް އަލަށް ކަނޑައެޅުނު އުޖޫރައާއިއެކު ރަނގަޅު ވަރެއްގެ މުސާރައެއް ލިބިގެންދާނެކަމަށެވެ. މަރޮށީގައި މިއަދުވެސް 60 އަށްވުރެ ގިނަ ކުދިން މަތީ ތައުލީމް ހާސިލް ކުރަމުންދާމީ ލިބޭނެ އެންމެ ބޮޑު އުފާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދުވެސް ވިދާޅުވީ އެމްޑީޕީން ބޭނުންވާ ވަރުގެ ޖަމްޕެއް ޖެހުމަށް ވަގުތު ބޭނުންވާކަމަށެވެ. އެކަން ކުރެވޭނީ މަދުވެގެން 10 އަހަރު ލިބިގެން ކަމަށާއި އެކަން އެމްޑީޕީން ކޮށްދީ ރައްޔިތުންގެ ފުދުންތެރިކަން މިހާރަށްވުރެއްވެސް ބޮޑަށް އިތުރުކޮށްދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ