މިސަރުކާރުން ދަނީ ކުރިއަށް ބޮޑު އިންތިޚާބެއް އޮތްކަން ވިސްނާވެސް ނުލައި، އަމިއްލައަށް އަނދަގޮނޑި ޖައްސަވަމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރޭ ފޯކައިދޫގައި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ވާދަކުރާ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ކޮމަންޑު ދާއިރާއަށް އެކަނި މިއަދު ސަރުކާރުން ވަމުންދާ ވައުދުތަކުން މިއީ ވަގުތީ މަންފާއަކަށް ވެވަޑައިގަންނަވާ ވައުދުތަކެއް ވިޔަސް، މިއީ ފަހުން މިކަމުން ނުނެއްޓެވޭނެ ކަންތައްތަކެއް ކަމަށެވެ.
ކިތަންމެ ވަރަކަށް ވައުދުތަކެއްވެ، ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރިނަމަވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތިބީ މިސަރުކާރުން ޖަހާހާ ބެރަކަށް ނަޝާ ގޮތަކަށް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ޤާނޫނު އަސާސީގެ ރޫހާއި ޚިލާފަށް، ބަޖެޓުން ބޭރުން އެތައް ކަމެއް ކުއްލިއަކަށް ހަމަޖައްސައި، އެތައް ވައުދެއް ވަމުންދާއިރު މިއީ ކުރިއަށް އޮތް ތަނުގައި މިބޭފުޅުން މިކަންކަމަށް ޖަވާބުދާރީވާންޖެހޭ އަދި މިކަންކަމުން ދެން ސަލާމަތް ނުވެވޭނެ ވަރުގެ ކަންތައްތަކެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު މިޖަހަމުންދާ އަދަގޮޑިއަކުން ސަލާމަތެއް ނުވެވޭނެ. ދެން ކުރަންޖެހޭ މަސައްކަތް މާބޮޑުވާނެ. ޤާނޫނު އަސާސީގެ ރޫހާއި ހިލާފަށް ކަންކަން ކޮށް، ވައުދުވަމުންދަނީ. ވީވައުދު ދެން ނުފުއްދިއްޖެނަމަ 2023 ގެ މަތިން ދެންޖެހޭނީ ކޮމަންޑު ދާިއރާއިން ހަދާން ނައްތާލަން.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ކޮމަންޑޫ ދާއިރާއިން މަޖިލީހަށް އިންތިޚާބު ކުރަންޖެހޭނީ ތައުލީމީ ޤާބިލް އަދި ކަންކުރެވޭ ވަރުގެ ބޭފުޅެއްކަމަށެެވެ. ކޮމަންޑޫ ދާއިރާއިން ހޮވަން މަސައްކަތް ކުރާ މޫސާ ފަތުހީއަކީ ތައުލީމަށް ނުހަނު އިސްކަން ދެއްވައި އުގެނުމަށް ގިނަ މަސައްކަތް ކުރާ ބޭފުޅަކަށްވާއިރު، މިފަދަ ބޭފުޅަކު ނޫން ބޭފުޅަކު މިދާއިރާއަށް އިންތިޚާބު ކުރުމަކީ ހެދޭ ގޯހަކަށް ވެދާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މަޖިލިސް ތެރެއިން މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ ސަރުކާރު ޒިންމާދާރު ކުރުންކަމަށްވާއިރު، އެކަން ކުރެވޭނީ ފަތުހީފަދަ ފަހުލަވާނެއް އިންތިޚާބު ވެގެން ކަމަށާއި، އަދި މިހާރުވެފައވާ ވައުދުތައް ފުއްދޭނީވެސް ފަތުހީފަދަ ބޭފުޅަކު އިންތިޚާބު ކޮށް ސަރުކާރު ޖަވާބު ދާރީކޮށްގެންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.