ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދުގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި ންސީ ގޯނާގެ ތުހުމަތުތަކުގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފިއެވެ.
ފުލުހުންނަށް ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލައިގެ ތަހުގީގް ކުރިއަށް ނުގެންދަން ނިންމައި މައްސަލަ ފައިލް ކޮށްފައިވަނީ، އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުންނެވެ. ޖުނައިދުގެ ކުންފުނި "އޮންދިގޯ" ގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ ނޮވެމްބަރު މަހުއެވެ.
ޖުނައިދުގެ މައްޗަށް މި ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ކުރިން އެ ތަނުގައި މަސައްކަތް ކުރި އޮންދިގޯގެ މުވައްޒަފެކެވެ. ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ޖުނައިދު ވަކިވެވަޑައިގަތުމަށް ފަހު މިހާރު އޭނާ ހުންނެވީ އޮންދިގޯގެ ޗެއާމަން ކަމުގައެވެ.
ޖުނައިދަށް ތުހުމަތުކޮށް އަންހެން މުވައްޒަފަކު މީސްމީޑިއާގައި އާންމު ކުރި ޕޯސްޓެއްގައި ވަނީ އޭނާ އޮންދިގޯގެ އެޗްއާރު އެންޑް އެޑްމިން އޮފިސަރު ކަމުން އިސްތިއުފާ ދިނީ ޖިންސީ ފުރައްސާރަ ކުރުމުގެ ސަބަބުން ކަމަށެވެ. ޖުނައިދަކީ ކިތަންމެ ރަނގަޅު ބޭފުޅެއް ކަމަށް އާންމުންނަށް ދައްކަން ކިތަންމެ މަސައްކަތެއް ކުރެއްވިޔަސް މިކަމުގައި އޭނާ ބައިވެރިވެވަޑައިގެންފައިވާ ކަމަށް ވެސް އެ ޒުވާނާ ބުނެފައިވެއެވެ.
ޖުނައިދުގެ ފަރާތުން އެތައް ފަހަރެއްގެ މަތިން ޖިންސީ ފުރައްސާރަ ކުރިމަތިވެފައިވާ ކަމަށް އެ ޒުވާނާ ބުންޏެވެ. އަދި ގަދަކަމުން ގައިގައި އަތްލައި ޖިންސީ ގޯނާ ވެސް ކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ. އެ ޒުވާނާ ބުނި ގޮތުގައި ޖުނައިދު، ގަދަކަމުން ޖިންސީ ގޯނާ ކުރީ ކެމެރާ ނެތް ތަނަކަށް ގެންގޮސްގެންނެވެ.
ކޮމެންޓު ފޮނުވާ