ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ވަކިކުރުމަށް ހަދާފައިވާ ޗެނަލް ސަރަހައްދުގައި ކެފޭ ނުވަތަ ރެސްޓޯރަންޓު ހަދަން ހަތް ބިމެއް ދިގުމުއްދަތަށް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމާ އިއުލާންކޮށްފިއެވެ.
ހުޅުމާލެ ފޭސް އެކަކާއި ފޭސް ދޭއް ގުޅާލާފައިވަނީ ކުދި ބްރިޖްތައް މެދުވެރިކޮށެވެ. އަދި ދެ ފިޔަވަހި ބަކިކޮށްފައިވަނީ ޗެނަލްތަކެއް މެދުވެރިކޮށެވެ. އެސަރަހައްދުގައި މަޖާކޮށްލާ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް އެކި ކަހަލަ ރެކްރިއޭޝަނަލް ހަރަކާތްތައް ކުރިއަށްގެންދެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ޗެނަލްގެ މަސައްކަތް މުޅިން ނިމޭއިރު، ޗެނަލް ކައިރި އެއްގަމުގެ ސަރަޙައްދު ތަރައްޤީކުރާނީ ތިމާވެއްޓާ ރަށްޓެހި ފެހި ސަރަޙައްދެއްގެ ގޮތުގައެވެ.
Invitation for Proposal for Development and Operation of Channel Park Cafe’ / Restaurant in Hulhumalé
For more information: https://t.co/CWdcTccKb4
To apply: https://t.co/QTGfz1mPf9 pic.twitter.com/7n1cYl8k5l
— HDC (@hdcmaldives) January 18, 2022
އެޗްޑީސީން ކުރި އިއުލާންގައި ވަނީ ޗެނަލް ޕާކުގައި ކެފޭ/ރެސްޓޯރަންޓުތައް ހަދަން ބިންތައް ދޫކުރަނީ 20 އަހަރު ދުވަހުގެ މުއްދަތަށްކަމަށެވެ. އެތަނުގެ ޢިމާރާތުގެ ހުރިހާ ކަމެއް ކުރަންޖެހޭނީވެސް ކުށްޔަށް ހިފާ ފަރާތުންނެވެ. މި ތަންތަން ހަދަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 10 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ އެޗްޑީސީގައި ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށް އެކަންޏެވެ.
ކެފޭ ނުވަތަ ރެސްޓޯރަންޓް ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރާ ބިންތަކުގެ ބޮޑުމިން އުޅެނީ 3237 އަކަފޫޓާއި 1700 އަކަފޫޓާ ދޭތެރޭގައެވެ. އެޗްޑީސީން ބުނީ އެ ޗެނަލްގެ ދެ އަރިމަތިން ފޭސް 1 އާއި ފޭސް 2 އިން ކެފޭ ހަދަން ކުއްޔަށް ދޫކުރަން ރާވާފައިވީ ނަމަވެސް، މިފަހަރު ދޫކުރާ ހުރިހާ ބިންތަކެއް ހުންނަނީ ދެވަނަ ފިޔަވަހީގައިކަމަށެވެ. ކެފޭ/ރެސްޓޯރެންޓު ހަދަން ދޫކުރާ ތަންތަނާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް ބައްދަލުވުން އަންނަ ހޯމަ ދުވަހުގެ މެންދުރު 12:30 ގައި އޮންނާނެކަމަށް އެޗްޑީސީން ބުންޏެވެ.
ޗެނަލް ޕާކް ތަރައްޤީކޮށް ނިމޭއިރު ޖުމްލަ 14 ކެފޭ ނުވަތަ ރެސްޓޯރަންޓް ހުންނާނެއެވެ. ހުޅުމާލޭގެ ދެފިޔަވަހި ގުޅުވައިލަން ހަތް ބްރިޖެއް ޤާއިމްކޮށްފައިވީނަމަވެސް އަދި ބޭނުންކުރަނީ ދެ ބްރިޖެވެ.