އިސްލާމްދީނަށް އިހާނެތިކޮށް ހިތާ ކޮންމެ މީހަކީ މޮޔައެއް ކަމަށްހަދައި، ޒިންމާތަކުން ސަރުކާރަށް ބަރީޢަވާން އުޅުނު ނަމަވެސް އެކަންކަމުން ސަރުކާރަށް ބަރީޢަ ނުވެވޭނެކަމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުޙީގެ ކެންޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އަމަލުން އެކަން ފެންނަން ހުންނަ ކަންތައްތަކެއްކަމަށެވެ. ރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީން މަތީގައި އޮތް އިސްލާމްދީނަށް ނުހަނު އިހުތިރާމް ކުރާ ޤައުމަކަށްވާއިރު މިއަދު އިސްލާމީ ވަހުދަތު ބީވެގެންދާތަން ފެންނަމުންދާކަމީ ސަރުކާރުގެ ބޮޑު އިހުމާލެއްކަމަށެވެ.
ރާއްޖޭގެ މިސްކިތްތަކަށް ކުޑަކަމު ދިއުމާއި، މިސްކިތްތަކަށް އިހާނެތި ގޮތްތައް ހެދުން އާންމުވަމުންދާއިރު މިކަންކަން ކުރާ ކޮންމެ މީހަކީ އަދި ދީނާއި ދެކޮޅު އަމަލު ހިންގާ ކޮންމެ މީހަކީ މޮޔައެއްކަމަށް މިސަރުކާރުން ދެކޭކަމަށެވެ. ނަމަވެސް މިއީ ސަރުކާރުގެ މައްޗަށް އޮތް ޒިންމާއިން ބަރީއަވުމަށް ދެންކެން އޮތް ބަހަނާއެއް ނޫންކަމަށާއި، މިކަން ދިވެހި ރައްޔިތުން ބަލައި ނުގަންނަނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މިސްކިތްތަކަށް އިހުތިރާމް ކުޑަކުރާ ކޮންމެ މީހަކީ މޮޔައެއްކަމަށް ނުހެދޭ. އެއީ ސަރުކާރުގެ ޒިންމާއިން ބަރީއަވާނެ ކަމެއްނޫން. އެހެންކަމަށްވަންޏާ ރާއްޖޭގައި ތިބޭނީ ހުސް މޮޔައިން.
– ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އެތައް ވެރިކަމެއް ފެނިގެން ގޮސްފައިވާއިރު، މިހާ ދަށު ދަރަޖައަކަށް ރާއްޖޭގެ އިސްލާމީ ވަހުދަތު ވެއްޓިގެން ދިޔަ ވެރިކަމެއް ނުފެންނަ ކަމަށެވެ. އިސްލާމްދީނަށް ހަޖޫ ޖެހުމާއި، ދީނާއި ދެކޮޅު އެތައްކަމެއް އާންމުވަމުންދާއިރު މިކަންކަން ހުއްޓުވުމަށް ސަރުކާރު ނުކުޅެދުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
ރާއްޖޭގައި ހުރި އިސްލާމީ މަރުކަޒުތަކާއި، ބިނާތަކާއި މިސްކިތްތައް މަރާމާތު ކުރުމަށް އެކަށީގެންވާ ބަޖެޓްނުދީ ސަރުކާރުން ކުރަމުންދާ ޖެއްސުންތަކަކީ އިސްލާމްދީނަށް ކުރެވޭ ޖެއްސުމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މާލެއަކީ ރާއްޖޭގެ އެންމެ ގިނަ މިސްކިތް ހުރި ރަށަށްވާއިރު، މާލޭގެ މިސްކިތްތަކުގެ މަރާމާތަށް ސަރުކާރުން ކަނޑައަޅާފައިވަނީ އެންމެ މިލިޔަނެއްހާ ރުފިޔާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިއީ ސަރުކާރުން އިސްލާމީ ކަންކަން ދެމެހެއްޓުމަށް ދެއްވާ އަހައްމިޔަތު ހާމަވާ ކަންތައްތަކެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެެ.
ކޮމެންޓު ފޮނުވާ