ދެކުނުގެ ރަށްތަކުގައި މަސްތުވާތަކެތީގެ ބޮޑެތިި ކުށްތަކަށް އަރައިގަތުންދަނީ އިތުރުވަމުން: ސީޕީ

ދެކުނުގެ ރަށްތަކުގައި މަސްތުވާތަކެތީގެ ބޮޑެތިި ކުށްތަކަށް އަރައިގަތުންދަނީ އިތުރުވަމުން: ސީޕީ

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2022 11:06
0

ދެކުނުގެ ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ބޮޑެތިި ކުށްތަކަށް އަރައިގަތުމާއި އޭގެ ބޭނުންކުރުމާއި އެއާގުޅިގެން ތަފާތު ކުށްތަކަށް އަރައިގަންނަގަތުން އަހަރަކަށްފަހު އަހަރެއް އިތުރުވަމުންދާކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. މަޑަވެލީގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ހުޅުވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ސިޕީ ހަމީދު ވިދާޅުވީ ފުލުހުންނަށް ގާނޫނު އަސާސީންނާއި ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާއާއި ވާޖިބުތައް އެންމެ ރަނގަޅަށް އަދާކުރުމަށްޓަކައި ހެޔޮ ބަދަލުތަކެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ގެންނަން ފެށިފައިވާކަމަށް ވިދާޅިވިއެެވެ. އެގޮތުން އަތޮޅު ތެރޭގައި ފުލުހުން މަސައްކަތްކުރާ ރަނގަޅު އޮނިގަނޑެއް އެކުލާލައި ރަށުގެ މުޖުތަމައުއާއި ކައުންސިލް އަދި އެހެނިހެން ރަށު ފެންވަރުގެ އިދާރާތަކާ އެކުއެކީގައި ކުށް މަދުކުރުމާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމުގެ މަސައްކަތް ހަރުދަނާކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެއޮނިގަނޑު މަގުފަހިކޮށްދޭނެކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް، ހާއްސަކޮށް ދެކުނުގެ ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ބޮޑެތިި ކުށްތަކަށް އަރައިގަތުމާއި އޭގެ ބޭނުންކުރުމާއި އެއާގުޅިގެން ތަފާތު ކުށްތަކަށް އަރައިގަންނަގަތުން އަހަރަކަށްފަހު އަހަރެއް އިތުރުވަމުންދާކަމަށް ވިދާޅުވިއެވެ. އަދި ޖަމާއަތް ހަދައިގެން ރާވައިގެން ހިންގާ ކުށްކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނާމެދު ހިންގާ ކުށްތަކާއި އަންހެނުންނަށް އަނިޔާވެރިވުމާއި ހަރުކަށި ފިކުރު ފެތުރުން ފަދަ މައްސަލަތަކަކީ ދިވެހި މުޖުތަމައުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއްކަމަށާއި ފުލުހުން ކޮންމެ ދުވަހަކުވެސް އެކަންކަމަށް ސަމާލުވެ، އެ ނުރައްކާތަކުން ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް އިސްކަންދީގެން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ދިނުމުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތްތައް އިންތިޒާމްކުރުމާއި މުޖުތަމައުއާ އޮންނަ ގުޅުން ދެމެހެއްޓުމާއި ކޮމިއުނިޓީ ޕޮލިސިންގ ގެ ފަލްސަފާގެ މައްޗަށް ފުލުހުންގެ ހިދުމަތް ބިނާކުރުމަށްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުންދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅިރާއްޖެއަށް ފޯރުކޮށްދޭ މުއައްސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރުންކަމުގައި ވިދާޅުވިއެވެ.

ހަމައެއާއެކު ރަށުގައި ހިނގާ ކުށްތަކާއި ރަށަށް ތައާރަފްވުމަށް ފުރުސަތު އޮތް ކުށްތަކާއި އެކުށްތަކާ ގުޅޭ ކަންބޮޑުވުމާއި ކުށުގެ ބިރުވެރިކަމުން ރަށުގެ މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ގާއިމްވެ ތިބުން މުހިންމުކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މަޑަވެލީގައި ފުލުުހުންގެ މަރުކަޒެއް ގާއިމްވެފައި ހުރުމުން ރައްޔިތުންނާ ގާއިމްކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލްކުރުމަށް ކޮންމެ ދުވަހަކު ރަށުގައި ތިބެގެން މަސައްކަތްތަކެއް ކުރެވިގެންދާކަމަށެވެ.

ޕޮލިސް ސްޓޭޝަން ހުޅުވުމަށް މަޑަވެލީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ގުދުރަތުﷲ އާއި މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޟް ޙަސަން އާއި ކައުންސިލް މެމްބަރުންނާއި އެކްޓިންގ ސައުތު ރީޖަނަލް ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފް އާއި ސައުތު ސަބް ރީޖަނަލް ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަހީދާ ޠާހިރު އާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.