ކޯވިޑް-19 ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިމަހުގެ 11 ވަނަ ދުވަހުގެ އިންޑިއާ ގަޑިން 00:01 ން ފެށިގެން އެ ގައުމަށް ދަތުރުކުރާ ފަރާތްތައް 7 (ހަތެއް) ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މިގޮތަށް ހަމަޖެއްސުމުގެ އިތުރަށް އެ ޤައުމަށް ދަތުރުކުރާ ފަރާތްތައް އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި ހައްދާފައިވާ ކޯވިޑް-19 RT-PCR ނެގެޓިވް ޓެސްޓް ނަތީޖާ ހުށައަޅައި، ވޭތުވެދިޔަ 14 (ސާދަ) ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މަޢުލޫމާތު ހިމަނައި، ހުށަހަޅާ މަޢުލޫމާތުގެ ޞައްޙަކަމަށާއި، ކޮވިޑާ ގުޅިގެން އެ ޤައުމުގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލު ކުރަން އިޤުރާރުވެ އެކަމަށް ތައްޔާރުކޮށްފައިވާ "އެއަރ ސުވިދާ" ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއް ހުށަހަޅަންޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައިވާކަމަށެވެ.
7 (ހަތެއް) ދުވަހުގެ ކަރަންޓީނަށްފަހު 8 (އަށެއް) ވަނަ ދުވަހު ހައްދާ ކޯވިޑް-19 RT-PCR ޓެސްޓުގެ ނަތީޖާ ނެގަޓިވް ވުމުން ގެއިން ނުކުމެވުނަސް، އިތުރު 7 (ހަތެއް) ދުވަސް ވަންދެން އެމީހެއްގެ ޞިއްޙަތު އަމިއްލައަށް މޮނިޓަރ ކުރަމުން ދާންޖެހޭނެއެވެ. އަދި މި ޓެސްޓުގެ ނަތީޖާ "އެއަރ ސުވިދާ" ޕޯޓަލްއަށް އަޕްލޯޑު ކުރަންޖެހޭނެއެވެ. އަދި މީގެ އިތުރުން، ކޮންމެ ފްލައިޓަކުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން %2 (އިންސައްތަ) މީހުން ރެންޑަމްކޮށް އެއަރޕޯޓުގައި ޓެސްޓްކުރާ ގޮތަށްވެސް އެ ޤައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ.
މި ފިޔަވަޅުތައް މިގޮތަށް ހުރި ނަމަވެސް، އެ ޤައުމަށް، އެކުގައި ދަތުރުކުރާ 5 (ފަހެއް) އަހަރުން ދަށުގެ ކުދިން އޮން އެރައިވަލް އަދި ގޭގެ ކަރަންޓީން މުއްދަތަށްފަހު 8 (އަށެއް) ވަނަ ދުވަހުގެ ޓެސްޓު ހައްދާކަށް ނުޖެހޭނެއެވެ. ނަމަވެސް އެ ޤައުމަށް އެތެރެވާއިރު، ނުވަތަ ގޭގައި ކަރަންޓީންގައި ހުންނަ މުއްދަތުގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޓެސްޓު ހައްދައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތައް، އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަހެރިވެ ފަރުވާ ހޯދަންޖެހޭނެއެވެ.
މި ފިޔަޅުތަކާގުޅިގެން، އިންޑިއާގައި ދިރިއުޅޭ އަދި އިންޑިއާއަށް ދިވެހިރާއްޖެއިން ދަތުރުކުރަން ޤަޞްދުކުރާ ފަރާތްތައް މިކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ ދަންނަވާފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ވަނީ ދަންނަވާފައެވެ.
މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާއ، އަދި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ