ރަށްރަށުގައި ދިރިއުޅޭ މީހުން ގެދޮރު ބިނާކުރުމަށާއި ގެދޮރު މަރާމާތު ކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ "ގެދޮރުވެރިޔާ ލޯން ސްކީމް" އަށް ކަނޑައެޅި ޝަރުތުތަކުގެ ތެރެއިން މުހިންމު ޝަރުތަކަށް ލުއި ދީފިއެވެ. މިލޯނަކީ %6 އިންޓްރަސްޓް ރޭޓާއެކު ދޫކުރާ ލޯނެކެވެ.
ރަށްރަށުގައި ދިރިއުޅޭ މީހުން ގެދޮރު ބިނާކުރުމަށާއި ގެދޮރު މަރާމާތު ކުރުމަށް "ގެދޮރުވެރިޔާ ލޯން ސްކީމް" އިފްތިތާޙްކޮށްފައިވަނީ މިއަހަރުގެ ޖޫންމަހުގެ 14ވަނަ ދުވަހުގައެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުން އެމީހަކު ދިރިއުޅޭ ރަށެއްގައި ވަޒަންވެރިވެ ދިރިއުޅޭވެނެ ގޮތް ހައްދަވައިދެއްވުމަށް ސަރުކަރުން ތަޢާރަފްކުރައްވާފައިވާ ލޯނު ސްކީމްއެކެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ "ގެދޮރުވެރިޔާ ލޯން" ޕްރޮގްރާމް ގައި ހިމެނޭ ޝަރުރުތުތަކުގެ ތެރޭގައިވާ "ރަށްވެހިވެފައިވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން 3 އަހަރު ވެފައިވުން" މި ޝަރުތު އުނިކޮށްފައިވާކަމަށެވެ. އަދި މިހާތަނައް އިޞްދެންނެވުނު ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން ލޯނު ރިޖެކްޓް ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން އަލުން ކުރިއަށް ގެންދިޔުމަށް ބޭނުންވާނަމަ، އެފަރާތްތަކުން ހުށަހަޅާފައިވާ އެޕްލިކޭޝަން އަލުން ހުށަހެޅުމުން ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަމަށް އެޗްޑީއެފްސީން ވަނީ ވިދާޅުވެފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރ އާއި އެޗް.ޑީ.އެފް.ސީއާ ގުޅިގެން ހިންގާ މި ސްކީމްގައި ލޯނަށް އެދޭ ފަރާތުގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކުރެވިފައި އޮންނަން ޖެހެއެވެ. ލޯނު ދިނުމުގައި އިސްކަންދެނީ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކާއި އެކަނި ދަރިން ގޮވައިގެން އުޅޭ ފަރާތްތަކަށެވެ.
މި ލޯން ސްކީމް ހިންގައި، މެނޭޖު ކުރާނީ އެޗްޑީއެފްސީންނެވެ. އެހެންނަމަވެސް ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ އެޗްޑީއެފްސީއާއި ޕްލޭނިން މިނިސްޓްރީ ގުޅިގެން އެކުލަވާލާ ޖޮއިންޓް ކްރެޑިޓް ކޮމެޓީއަކުންނެވެ.